ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅު ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެމްޓީސީސީން ހުޅުވާލައިފިއެވެ.

އެމްޓީސީީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރަށްރަށުން މާލެ އަށް ދަތުރުކުރާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން، މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް ގަސްދު ކުރާ ކަމަށެވެ.

އެހެންކަމުން ފަޅު ބޭނުންކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 މާޗް 2025 ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ކުންފުނީގެ އީ މެއިލް ([email protected]) މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ 7978865 އަށް ގުޅުމަށް ވަނީ އެ ކުންފުނިން އެދިފައެވެ.

ރަށްރަށުގެ ފެރީ މިހާރު ލަފާ ފުރުމަށް ހާއްސަ ކޮށްފައި ވަނީ ބޭންކް އޮފް ސިލޯން ކުރިމައްޗަށް އޮންނަ 4 އަދި 5 ނަންބަރު ޖެޓީއެވެ. މީގެ އިތުރުން ވެސް އެމްއެމްއޭ ކުރިމައްޗަށް އޮންނަ 1 ނަންބަރު ފާލަމަކީވެސް ރަށްރަށުގެ ލޯންޗު ފެރީތައް ލަފާ ފުރުމަށް މިޙާރު ބޭނުން ކުރަމުންދާ ސަރަހައްދެކެވެ.

ނަމަވެސް ގިނަ ރަށްރަށެއްގެ ފެރީ އެއްފަހަރާ އެ ސަރަހައްދުން ފުރަންޖެހޭތީ ލަފާ ފުރުމުގެ ދަތިތަށް ދަނީ ކުރިމަތިވަމުންނެވެ. އެދި ގިނަ ފަހަރަށް އެ ސަރަހައްދުގައި ލޯންޗު ކައިރި ނުކޮށްލެވޭ މައްސަލައަކީ ވެސް ބައެއް ފަޅު ވެރިންނާއި ލޯންޗުގެ ވެރިފަރާތުން ޝަކުވާ ކުރަމުންދާ މައްސަލަތަކެވެ.