ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒުހޫރުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރާ ތުހުމަތުތަކަކީ އަސްލެއް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އަޒްމިރާލްދާގެ ވަކީލުން ބުނެފިއެވެ.
އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ އަސްލެއް އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.
އޭސީސީއިން ތަހުގީގުކުރަމުންގެންދާ ޖިނާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ފެބްރުއަރީ 26 ވަނަ ދުވަހު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީއިން އަންގާފައިވާކަން ފަނޑިޔާރުންގެ ފަރާތުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފަނޑިޔާރުން ފާހަގަކޮށްފައިވާ ގޮތުގައި ޖިނާއި ކުށެއްގެ ތުހުމަތު ނެތި ހައްޔަރުކުރެވުނު އަޒްމިރަލްދާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކުރުވުމަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރާ ތުހުމަތަކީ ހަގީގަތަކާ ހިލާފު ދޮގު ތުހުމަތެކެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް ފެބްރުއަރީ 27 ވަނަ ދުވަހު ސިޓީއަކުން ދަންނަވާފައިވާކަމަށް ފަނޑިޔާރުން ވަނީ ބުނެފައެވެ.
ފަނޑިޔާރުން ބުނީ އޭސީސީއިން މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް އަންގާފައި ނުވާކަމަށާއި އޭސީސީއިން ތަހުގީގު ކުރަމުންދާ މައްސަލައިގެ މައުލޫމާތު ހޯދުމަށް ލިޔުމުން ހުށަހެޅުމުން މިހާތަނަށް މައުލޫމާތު ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރަމުންދާކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
އަޒްމިރާލްދާ ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުގައި އަމަލުކުރި ގޮތްތައް ސާފުކުރުމަށާއި ފެބްރުއަރީ 26 ވަނަ ދުވަހު ބޭއްވު ބައްދަލުވުމުގެ މައުލޫމާތު ހޯދުމަށާއި އޭސީސީއަށް ފޮނުވިކަމަށް ބުނާ ސިޓީގެ ކޮޕީއެއް ހޯދުމަށް އެ ކޮމިޝަނުގައި އެދުމުން އެ ސިޓީއަށް ވެސް ޖަވާބުދީފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ބަޔާނުގައި ފާހަގަކޮށްފައިވާގޮތުގައި ޑރ. އިސްމާއިލް މައްސަލައާ ގުޅުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތްކޮށްފައިވާތީ އެކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް "ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެންޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާކަމެއް ފާހަގަކުރެވިފައިނުވާ" ކަމަށާއި ކޮރަޕްޝަންގެ ކުށެއް ފާހަގަކުރެވިފައި ނުވާތީ އެ ކޮމިޝަނުން މައްސަލަ ރަޖިސްޓްރީކޮށްފައިނުވެއެވެ.
ފަނޑިޔާރުން ބުނީ ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން ގާނޫނީ ޒިންމާ އަދާކޮށްފައިނުވާތީ ފަނޑިޔާރު އަޒްމިރަލްދާއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ފަނޑިޔާރުން ވަނީ އިލްތިމާސްކޮށްފައެވެ.