މިއަދު ދިވެހީންގެ ތެރޭގައި ގައުމިއްޔަތުގެ މާނަ ހަރުލައްވަން އަލުން މަސައްކަތްކުރަން ޖެހޭ ކަމަށާއި، ދިވެހީންގެ އަޒުމަކަށް ވާން ވާނީ ރީތި އުސޫލުތަކަށް އަމަލުކުރާ ހަރުދަނާ މީހުންނަށް ވުމަށް ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް މިއަދު ވިދާޅުވީ، ގައުމެއްގައި ދިރިއުޅޭ ބަޔަކު ހެވާއި ނުބައި ކަނޑައަޅަން ބޭނުންކުރާ މިންގަނޑެއް އޮންނަ ކަމަށާއި، އެ މުޖުތަމައެއްގެ ސަގާފަތާއި އާދަކާދަތައް ބައްޓަންވެގެން ދާނީ އެ ބަޔަކު ގަބޫލުކުރާ ހަމަތަކެއްގެ މަތިން ކަމަށެވެ.
އެގޮތުން ދިވެހީން ހެވާއި ނުބައި ކަނޑައަޅަން ބޭނުންކުރަނީ އިސްލާމްދީން ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހީން ދެކެނީ އަދި ގަބޫލުކުރާ ހައްގު ގޮތަކީ ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން އޮތީ މާތްވެގެންވާ އިސްލާމްދީނުގައި ކަމެވެ، އެއީ، ދެދުނިޔޭގެ ބާއްޖަވެރިކަމުގެ މަގެވެ، އެހެންކަމުން، ދިވެހީން އިސްލާމްދީން ބަލައިގަތުމަކީ ދިވެހި ގައުމިއްޔަތަށް އައި އެންމެ ހެޔޮ އިންގިލާބެވެ،"
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގައި އިސްލާމްދީނުގެ ދައުރަކީ ދިވެހީންގެ ސަގާފަތާއި އާދަކާދަތައް އިސްލާމްދީނުގެ އިންތަކަށް ފެތޭހެން އިސްލާހުކުރުން ކަމަށެވެ.
ރައީސްގެ ހިތާބުގައި ވަނީ ދިވެހީން އިސްލާމްދީން ގަބޫލުކުރުމުން ދިވެހީންގެ ސަގާފަތަށާއި އާދަކާދައަށް އައި ބައެއް ބަދަލުތައް ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ދިވެހީން އޭރު ތަބާވި ގޮތްތައް ދޫކޮށް ﷲ އާ ވަކީލުކުރަން ފެށުން
- އެކި ނަންނަމުގައި އިންސާނުން ގުރުބާންކުރުން ދޫކޮށްލައި އިންސާނީ ކަރާމާތް ދިފާއުކުރަން ފެށުން
- ބަރާބަރަށް ނަމާދުކުރުމާއި އަމާނާތްތެރިކަން ފަދަ ރަނގަޅު އާދަތައް އާންމުވުން
އެމަނިކުފާނު ވިދާޅުވިގޮތުގައި ގައުމިއްޔަތުގެ މާނަތައް އަލުން ހަރުލެއްވުމަށްޓަކައި އިލްމީ ހަމަތަކުގެ މަތިން ގައުމިއްޔަތު އުނގަންނައިދެވި، ދިވެހީންގެ ތަޖުރިބާތަކާއި ތަރިކަ ފަހަށް ރައްކާކުރެވި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދިވެހީންގެ ސަގާފަތް އިސްލާހުކުރެވެމުން ދާނެއެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ އަޒުމަކަށް ވާންވީ، އިސްލާމްދީނުގެ ރީތި އުސޫލުތަކަށް އަމަލުކުރާ، ދިވެހީންގެ ހަރުދަނާ ސިފަތަކަށް ގަދަރުކުރާ މީހަކަށްވުމުގެ އަޒުމެވެ. އޭރުން ރޫހާނީގޮތުންނާއި، ނަފުސާނީގޮތުން ތާހިރުކަން ލިބުމާ އެކު، މަސައްކަތްތެރި މުރާލި ހުނަރުވެރި ތަހުޒީބު މީހަކަށް ވެވޭނެއެވެ،" އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވިއެވެ.