މ. ތޮއިބާ ފަޟީލަތުއް ޝައިހް އިސްމާއީލު މުހައްމަދުގެ ދީލަތި އެހީގައި ހުޅުމާލޭގައި ބިނާ ކުރާ މިސްކިތުގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވާދެއްވައިފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިން ހުރި ބިމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓުގެ ދަށުން އިމާރާތްކުރާ މި މިސްކިތަކީ ދެ ފަންގިފިލާއަށް ޢިމާރާތްކުރާ، ދެހާސް މީހުންގެ ޖާގައިގެ މި މިސްކިތެކެވެ.
މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ގެ އަނބިކަނބަލުން އުންމުލްމުއުމިނީން އާއިޝާ رضی اللہ عنھا އަށެވެ. ރިސާޗް ލައިބްރަރީއަކާއެކު ބިނާކުރާ މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ހާއްސަ ފާހާނާއެއް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
މި މިސްކިތް އިމާރާތް ކުރަނީ ހުޅުމާލެ 1 ގައި ރެޑް ވޭވް ކައިރީގައި ކުރިން ޓިނުން ހަދާފައި ހުރި ވަގުތީ މިސްކިތް ހުރި ތަނުގައެވެ. އަދި މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެންނެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ފަޟީލަތުއްޝައިޚް އިސްމާޢީލު މުޙައްމަދާއި އެމަނިކުފާނުގެ ޢާއިލާގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.
20 މިލިއަން ރުފިޔާ ހަރަދުކޮށް އިމާރާތް ކުރާ މި މިސްކިތް ނިންމުމަށް އަމާޒު ހިފާފައި ވަނީ އަންނަ ރޯދަ މަހަށް މިސްކިތް ހުޅުވުމަށެވެ.