"ބައްޕަ ބުނާ އެއްޗަކުން އެނގޭނީ... ދޯ... މަންމަގެ މައްސަލައެއް ނެތް..." ތަހުމީނާ އޭނާގެ ދެ ދަރިންގެ މޫނަށް ބަލާލަމުން އެހެން ބުނީ އޭނާގެ ކުދިންގެ އުފަލަށާ މުސްތަގްބަލަށް ވިސްނާފައެވެ.
"ކީއްވެތަ ބައްޕަ ނައީ.... ބައްޕަގެ ފޯނަށް ވަރަށް ގުޅިން... ސިސްގެ މެރިއޭޖްގެ ވާހަކަ ދައްކަން އުޅޭތީ... ސިސް ބޭނުންވީ ބައްޕަވެސް މިތާހުންނަން..." ޝަކުވާގެ ރާގަކަށް އަޒްކާ ވާހަކަ ދެއްކީ ޒުމްރާއާއެވެ.
"ބައްޕަ ހުރީ ބޯޑް މީޓިންގް އެއްގަ.... ރިސޯޓްގަ ވީވެސް... ބައްޕަ ބުނީމަ ދައްތަ މިއައީ... ބިޒްނަސް ކަންކަމުގަ މިދުވަސްކޮޅު ދައްތަވެސް ވަރަށް ބިޒީވާނެ.. އެކަމަކު ދައްތަމެންގޭގަ ތިބި ހުރިހާ ނޯކަރުންތައް މިގެއަށް ފޮނުވާނަން... އެއްވެސް ކަމަކަށް ދަތިވަންޏާ ބުނާތި... ދެން ދަނީ... އައިލް ކަމް ސޫން އިނގޭ..." ސޯފާއިން ތެދުވެ ތާރާ އާއި އަޒްކާގެ ގައިގާ ޒުމްރާ ބައްދާލިއެވެ. ޒުމްރާ އެކުދިން ދެކެނީ އޭނާގެ އަމިއްލަ ދަރިންގެ ގޮތުގައެވެ.
ޒުމްރާއަށް ބަލާ މީހަކު އޭނާއަކީ އުމުރުން 45 އަހަރު ވެފައިވާ މީހެކޭ ނުބުނާނެއެވެ. އުމުރުން އެހާ ދުވަސް ވީ އިރުވެސް އޭނާއަށް ކުއްޖަކު ނުލިބި ހުންނާތީއާ އެކީ އޭނާގެ ހަށިގަނޑު ހުންނަނީ ވަރަށް ޒުވާންކޮށެވެ.
"ހާދަ އަވަހަކަށް ދާން ތިއުޅެނީ.. މިއަދު ސައިބޮއިގެން ދާންވާނީ.... މިގޭގަ ވަރަށް މީރުކޮށް ސައި ހަދައިގެން މިއުޅެނީ..." ސޯފާއިން ތެދުވަމުން ތަހުމީނާ ވާހަކަ ދެއްކިއެވެ.
"ނޫނޭ.. އަހަރެން މިހާރު މިއުޅެނީ ވަރަށް ސްޓްރިކްޓް ޑައެޓެއްގަ... މާ ބޮޑަށް ފަލަ ވާތީ މިއުޅޭނީ.. ތާރާ ވެޑިންގް ދުވަހު ހުންނަން ޖެހޭނީ ވަރަށް ފިޓްކޮށެއްނު... ދެން ދަނީއޭ... މިދަނީ ރައްޓެއްސެއް ގުޅައިގެން..." ޒުމްރާ ލައިގެން ހުރި ގަމީސް ކޮޅު ރީތި ކޮށްލުމަށްފަހު ބޭރަށް ނުކުންނަން ދިޔަވަގުތު ޒުމްރާގެ އަތްދަބަސް ކަމްލާ ގެނެސް ދިނެވެ. އެގެއިން ޒުމްރާ ނުކުމެގެން ދިއުމުން ތާރާއާ އަޒްކާއާ ދިޔައީ އެކުދިންގެ ކޮޓަރިއަށެވެ.
*** *** *** *** *** ***
ލިފްޓު ތެރޭގައި އިކާން އިނީ ނޭވާ ހިފަހައްޓައިގެންނެވެ. ސިރާޖާ އެކު އެވީ ކުޑަ ވަގުތު ކޮޅުގައި އިކާނަށް ވަމުން ދިޔަ ގޮތްތައް ސިރާޖަށް ފާހަގަ ވަމުން ދިޔައެވެ. އެންމެ ތިރީ ބަޔަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ލިފްޓުން ފުރަތަމަ ނުކުތީ ސިރާޖެވެ. ސިރާޖް ލިފްޓުން ނުކުތުމުން އިކާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
މަޑު ހިނގުމެއްގައި ލިފްޓުން ނިކުމެ އިކާންގެ ފޯނު ނަގާ އޭނާގެ ޑްރައިވަރަށް ގުޅާލިއެވެ. ގ.ރޯޒްވިލާ ކައިރިއަށް އަންނާށޭ ބުނެ ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު އިކާން ގޭޓާ ދިމާއަށް ދާން އެނބުރިލީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރު މޫނާމޫނު ޖެހޭހާ ކައިރީގައި ހުރި މީހާ ފެނި ސިއްސައިގެން ދިޔުމުން އިކާނަށް ހަޅޭއް ލަވައިގަނެވުނެވެ.
"ވަޓް ދަ..."
އިކާންގެ މޭގަނޑު އަނގަޔަށް ނައީ ހަމަކިރިޔާއެވެ. އޭރު ސިރާޖް ހުރީ ހިނިއައިސްފައެވެ. ގަސްތުގައި އިކާން ބިރުގަންނަވާލީއެވެ. އިކާން ގާތަށް ވެސް އެވަގުތު ހިނިއައެވެ. ކިޔެން އުޅުނީ ކިހާވަރެއްގެ އެއްޗެއްކަން ހިތަށް އެރުމުން ހާސްވާ ގޮތްވިއެވެ. ސިރާޖްގެ މޫނަށް އިކާން ބަލާލީ އެކަން ސިރާޖަށް ރޭކާލިތޯ ޔަގީން ކުރާށެވެ. އޭރު ވެސް ސިރާޖަށް ހަމަ ހެވެނީއެވެ. ހިނިގަނޑު ހަމައަކަށް އެޅުމުން ސިރާޖް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
"ސޮރީ... ތާރާ ބުނީ ރަނގަޅަށް.. އެކަމަކު އިކާން އެހާ ފަސޭހައިން ސިހޭނެއެކޭ ބައްޕަގެ ހިތަކަށް ނާރާ...."ރަ
އްދުގައި އެއްޗެއް ބުނަން ނުކެރި ހުރެ އިކާންގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން އިސް އޮބާލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އިކާނާ ދިމާއަށް ސިރާޖް ބަލާލީ ވަރަށް ސީރިއަސް ގޮތަކަށެވެ. ސިރާޖް ވަރަށް ބޮޑު ވާހަކައެއް ދައްކަން އުޅޭހެން އިކާނަށް ހީވިއެވެ.
"އިކާން... ބައްޕައަށް އިނގޭ އިކާންއަކީ ކޮންކަހަލަ ކުއްޖެއްކަން؟..." ސިރާޖްގެ އަނގައިން ނިކުތް ޖުމްލައިން އިކާންގެ ހަތަރެސްފައި ގަނޑުވި ކަހަލައެވެ. އަނެއްކާ ތާރާގެ ބައްޕައަށް ހުރިހާ ކަމެއް އެނގެނީ ބާވައޭ ހިތަށް އެރިއެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔަވަރަކަށް އިކާންގެ ހިތުގައި ބިރުވެރިކަމެއް އަށަގަންނަމުން ދިޔައެވެ. ސިރާޖާ ދިމާއަށް ކަޅި ހުއްޓައިގެން އިކާން ހުރީ ސިރާޖް ދެން ބުނާނެ އެއްޗަކާ މެދު ވިސްނާށެވެ.
"ބައްޕައަށް އިކާން އިނގެނީ މޮޅު ލަވަކިޔުންތެރިއެއް ގޮތަކަށް ނޫން.... އިކާންގެ އާއިލާއަކީ ބައްޕަ ވަރަށް ރަނގަޅަށް ދަންނަ ބައެއް... ތާރާގެ ޗޮއިސް ބައްޕައަށް ވަރަށް ކަމުދެއޭ ބުނެވޭނީ... އެކަމަކު ބައްޕައެއްގެ ހައިސިއްޔަތުން ދައްކަންޖެހޭ ވަރަށް ބޮޑެތި ވާހަކަތައް ހުންނާނެ ކަން އިކާނަށް އިނގޭނެ... ތާރާއަކީ އަހަރެންގެ ހުރި ހަމައެކަނި ދަރި... ތާރާއަށް ދެރަގޮތެއް ވާކަށް ބައްޕައެއް ނޭދެން... ގަބޫލުކުރަން ދެކުދިން ވެސް ވަރަށް ޅަ.. އެކަމަކު މިހާރު ތި ނެގެނީ ވަރަށް ބޮޑު ފިޔަވަޅެއް... ކައިވެންޏަކީ ދިރިއުޅުމުގަ ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް... ދަރިފުޅާ އެކު އުފަލުގައި ތާރާ ގެންގުޅެވޭނެ ކަމުގެ ޔަގީންކަން އޮތިއްޔާ ބައްޕައަށް ނިމުނީ..."
ސިރާޖް ދެއްކި ވާހަކަތަކާ އެއްވަރަށް އިކާން ދިޔައީ ބޯ ޖަހަމުންނެވެ. ހީކުރިގޮތާ ހިލާފަށް އެހެން ވާހަކަތަކެއް ސިރާޖް ދެއްކުމުން އިކާންގެ ހިތަށް ލުއި ކަމެއް އިހްސާސްވިއެވެ. ތާރާގެ ބައްޕަ ދެއްކި ވާހަކަތަކަށް ރައްދު ދޭނެ ގޮތެއް އިކާނަކަށް ނުވިސްނުނެވެ. ދައްކާނެ ވާހަކައެއް ބުނާނެ އެއްޗެއް އަނގައިން ބޭރުވާ ގޮތެއް ނުވިއެވެ. އެތައް ލަފްޒުތަކެއް ސިކުނޑީގައި އެނބުރެމުން ދިޔަ ނަމަވެސް އެ ބަސްތައް ހަމަޖެހޭ ގޮތަކަށް އަތުރާ ނުލެވިފައިވާ ކަހަލައެވެ. އެ ދެމެދުގައި ވީ ހަމަހިމޭންކަން ނަގާލީ ގޭޓް ކުރިމައްޗަށް މަޑުކުރި ކާރުގެ ބަރުގޮނުގެ އަޑެވެ.
"ދެޓްސް މައި ކާރ... ސިރާޖް ބޭބެ ކޮންތާކަށްތޯ ދުރުވަނީ؟..." ކާރާ ދިމާއަށް އިޝާރާތް ކޮށްލަމުން އިކާން އަހާލިއެވެ.
"ސިރާޖްބޭބެ އޭ... ނޯ ބައްޕަ ކިޔާ... ބައްޕަ ބަލާ އެބައާދޭ..." ސިރާޖް މިހެން ބުނަމުން އިކާންއާ ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ސިރާޖްގެ އަތުގައި އިކާން ހިފާލި އިރު އޭނާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. އިކާންގެ އަތުގައި ސިރާޖް ހިފާ ލަމުން އިކާންއާ ގާތްވެލަމުން އިކާންގެ ގައިގާ ސިރާޖް ބައްދާލިއެވެ.
އިކާންގެ ހިތުގެ ވިންދު އަވަސް ވެފައިވާ މިންވަރު ތާރާގެ ބައްޕައަށް އެނގިދާނެތީ އިކާން ހުރީ ނޭވާ ހިފަހައްޓައިގެންނެވެ. ސިރާޖްގެ މޫނަށް ބަލާލުމަށްފަހު ހިނިތުންވެލަމުން އިކާން ކާރާ ދިމާއަށް ހިނގައިގަތެވެ. އިކާން ބިރުގެންފައި ހުރިވަރު ސިރާޖަށް ފެނި އޭނާއަށް އަނެއްކާވެސް ހުވެނެވެ. ސިރާޖަށް ސިފަވީ އޭނާ ތަހުމީނާގެ ބައްޕައާ ބައްދަލު ކުރި ޒަމާންވީ އެ ދުވަހު ސިރާޖަށް އުޅެވުނު ގޮތެވެ.
ކާރަށް އަރާ ދޮރުފަތް ލައްޕާ ލަމުން ޑްރައިވަރު ގާތު ސްޓޫޑިއޯއަށް ދިޔުމަށް އިކާން އެދުނެވެ. ހާސްވެފައި ހުރިވަރުން ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން އިކާން ޗޮކެއް ކަނޑާލިއެވެ. "ޝިޓް.... ޝިޓް... ތާރާ ބައްޕަ ހީކުރާނީ ކީކޭ... ވަޓް ދަ... އެ ނޫން އެއްޗެއް ބުނާކަށް ނޭނގުނު ދޯ!.." ހިތާހިތުން އިކާން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސަށް މަލާމަތް ކުރަމުންނެވެ. ބޮލުގެ އިސްތަށިގަނޑަށް އިނގިލިތައް މަހާލަމުން ކާރުގެ ފަހަތުސީޓުގައި އިކާން ލެނގިލިއެވެ.
*** *** *** *** *** ***
އެންމެން ކައިގެން ކޮޓަރިއަށް ވަނުމުން ތަހްމީނާވެސް ކޮޓަރިއަށް ދާން ގަސްތުކުރިއެވެ. ކާއެއްޗެތި ހޫނުކޮށްލަން ކަމްލާއަށް ހަނދާން ކޮށްދިނުމަށްފަހު ތަހްމީނާ ކޮޓަރިއަށް ވަދެ އަވަސްވެގަތީ ނަމާދުކޮށްލާށެވެ. ނަމާދުކޮށް ނިމިގެން ތަހްމީނާ އެނދުގައި އިށީނދެ އާތިފްގެ ނަންބަރަށް ގުޅާލިއެވެ.
އާތިފްގެ ފޯނު ނިވާލާފަ އޮތުމުން މިއަދު މަސައްކަތުގަ މާ ބިޒީ ދުވަހަކީ ކަން ތަހުމީނާއަށް އެނގުނެވެ. އެހެން ނޫންނަމަ ތާރާގެ ކައިވެނީގެ ވާހަކަ ދެކެވޭ ކަހަލަ މުހިއްމު ދުވަހެއްގަ އާތިފް ނައިސް ނުހުންނާނެއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލަމުން ތަހުމީނާ ދެލޯ މަރާލީ އެހެން އޮވެ ނިދާލެވޭތޯއެވެ.
ރޭގަނޑު ނިދަން ކޮޓަރިއަށް ވަދެ ތާރާ އޭނާގެ ލެޕްޓޮޕް ހުޅުވާލިއެވެ. އެނދުގައި ހަމަޖެހިލައިގެން އޮށޯތީ ބަންޑުން މޭދަށަށް ބާލީހެއް ލައްވާލަމުންނެވެ. ލެޕްޓޮޕްގެ ސްކްރީން އޮން ކޮށްލަމުން އިކާންގެ ލަވަތައް ސޭވްކޮށްފައިވާ ފޯލްޑަރ ހުޅުވާލަމުން އޭގައި އިކާން ކިޔާފައިވާ ލަވަތަކުން ލަވައެއް ޕްލޭ ކޮށްލިއެވެ. އެލަވައިގެ ތެރެއަށް ގެއްލިފައި ވަނިކޮށް އެކޮޓަރިއަށް އަޒްކާ އައިސް ވަނެވެ.
"ހެއި... ވާއު ތި ޖަހަނީ އިކާން ކީ އެންމެ ރީތި ލަވަ... އައި ލަވް ދެޓް ސޯންގް... ވެޑިންގް ގަ ކޮންބައެއްތަ ލަވަކިޔަން ގެންނާނީ..."
އަޒްކާ ދެއްކި ވާހަކައަށް ސަމާލުކަން ދެމުން ތާރާ ޖަހާފައިވާ ލަވައިގެ އަޑު މަޑުކޮށްލިއެވެ. "ލަވަކިޔަން އިކާން ނުބޭނދޭނެ ދޯ އޭނަގެ ވެޑިން ނައިޓްގަ... ހައު އަބައުޓް މީޒާ އެންޑް މަބްރޫކު... އެއީ ވެސް ނުލާހިކު ކިއުޓް ލަވަ ކިޔާ ބައެއް... އެންޑް އައިމް ޕްލޭނިންގް ޓު ސިންގް އަ ސޯންގް ފޯ އިކާން... އިޓް ވުޑްބީ އަ ގުޑް ސަޕްރައިސް... ކިހިނެއް ވާނީ...."
- ނުނިމޭ -