ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

މީގެ އިތުރުން ސުއޫދުގެ އިސްތިއުފާގެ ސިޓީގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ވެސް މަދު ކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ކަމަށެވެ.

މި ބިލަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމަށް ހުށަހަޅާފައިވާ ބިލެއް ކަމުގައި އޭނާވަނީ ތުހުމަތުކުރައްވާފައެވެ. އެހެންކަމުން އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދީފައިވާކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު މަގާމުން މިއަދު އިސްތިއުފާދެއްވާފައިވާއިރު، އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ފޮނުވާފައިވާކަމަށް ބުނެ ޖޭއެސްސީއިން ވަނީ ސުއޫދުގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް ސަސްޕެންޑްކޮށްފައެވެ.