ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކުރީ ސަރުކާރު ކުންފުނިތަކުގެ ހިޔާނާތް ބަލާތީ ކަމަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހުށަހެޅި އިސްލާހަށް ވޯޓު ނުދެއްވި މައްސަލައިގައި އަޒާނަށް ޕީއެންސީން ފިޔަވަޅު އަޅާނެ ކަމަށް އަޑު ފެތުރިފައި އޮއްވާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އޭނާ ބޭރުކޮށް، އިމްތިޔާޒާއި ސުލޫކު ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީއަށް ވަނީ ބަދަލުކޮށްފައެވެ.
އެ ބަދަލާ ގުޅިގެން ނޫސްތަކުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަޒާން ވިދާޅުވީ، އޭނާ ކޮމިޓީން ބޭރުކުރި ކަމަށް ލަފާކުރެވެނީ ނުފޫޒުގަދަ ފަރާތްތަކާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމަންޓް ދިރާސާކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވެ، މި ކަންކަން ނުބަލަން އެކި ދިމަދިމާލުން ޕްރެޝަރު އަންނަ ކަމަށް ވިދާޅުވިއެވެ.
ހަމަ އެއާއެކު ވަކި ކޮމިޓީއެއްގައި އޭނާ ނެތް ނަމަވެސް މެންބަރެއްގެ ހައިސިއްޔަތުން މިފަދަ ކަންކަން ބަލައި ޒިންމާދާރުކުރެވޭނެ ގޮތްތައް އެބަހުރި ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.
މިކަމުގައި ނުފޫޒު ފޯރުވަނީ ސީދާ ކޮންކޮން ބޭފުޅުންތަކެއްތޯ 'ދަ ޕްރެސް' އިން ސުވާލުކުރުމުން އަޒާން ޖަވާބެއް ނުދެއްވިއެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު 'އެކްސް'ގައި ލިޔުއްވިގޮތުގައި 20 މެންބަރުން އެކި ކޮމިޓީތަކަށް އެކި އިރު ބަދަލުކުރަނީ ޕާލަމެންޓަރީ ގްރޫޕްގެ މެންބަރުންގެ އަދަދާއި ކޮމިޓީތަކުގެ އަދަދާއި މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްުޔަތު ކަމާއި މަސައްކަތަށް ދެއްވާ ސަމާލުކަމަށް ބެލުމަށް ފަހުގައެވެ.
މި ކަމަކީ ވޭތުވެދިޔަ މަޖިލިސްތަކުގައި ވެސް ހިނގި ކަމެއްކަން ފާހަގަކުރައްވައި ފަލާހު އިތުރަށް ލިޔުއްވިގޮތުގައި ކުރިޔަށް އޮތް ތަނުގައި 20 ވަނަ މަޖިލީހުން ވެސް ކޮމިޓީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުން ދާނެއެވެ.