މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލެއިން 16،911 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެގޮތުން ފެން ހިންދުމަށް މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 16،911 ޓަނުގެ ފެންވަނީ ހިންދާފައިވާކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ. އަދި މާލޭގެ 131 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި 976 ވެލި ބަސްތާ ޖަހައިދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފުން ދަނީ ކ.ހުރާ، ކ.ގުރައިދޫ، ކ.ހިންމަފުށި، ކ.ތުލުސްދޫ، ކ.މާފުށި، އދ.މާމިގިލި، ދ.މީދޫ، އަދި ފ.ނިލަންދޫގައި ވެސް ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ވިއްސާރަ ކުރަމުންދާއިރު ރޭ މާލޭއާއި ރަށްރަށުގައި ވެސް ވަނީ ފެންބޮޑުވެ އެކިވަރުގެ ގެއްލުން ލިބިފައެވެ. މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވިއްސާރަވެ ރާއްޖޭގެ އެކި ސަރަހައްދުގައި ފެންބޮޑުވެފައިވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވެސް ކަނޑައަޅުއްވާފައެވެ.