އިމާރާތުގެ ތެރެއަށް ވަދެ އިކާން މިސްރާބު ޖެހީ ލިފްޓާ ދިމާއަށެވެ. ލިފްޓް ކައިރީގައި މަޑުކޮށްގެން ހުރި ސެކިއުރިޓީ ޒުވާނާ ހިނިތުންވެލަމުން ބައްދަލުކުރަން ބޭނުންވަނީ ކޮން ބޭފުޅަކާތޯ ސުވާލުކޮށްލިއެވެ.

"އައިޝަތު ތާރާ...." ފިރިހެންވަންތަ ބަރު އަޑުން އިކާން ޖަވާބު ދިނީ ލުއި ހިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުންނެވެ.

*** *** *** *** *** ***

"ސިސް.. އައިމް ރިއަލީ ހެޕީ ފޯޔޫ...." އަޒްކާ ވާހަކަ ދެއްކީ ތާރާގެ ފަހަތުން ލޯގަނޑު ކުރިމައްޗަށް ހުއްޓެމުުންނެވެ. ލޯގަނޑު ކުރިމަތީ ތާރާ އިނީ ރީތިވާށެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅު އެއް ފަރާތަށް ޖައްސާލިއެވެ. ތާރާގެ ދެތުންފަތް ދެ ތުންފަތާ ހާކާލުމަށްފަހު ތުންފަތް އޫކޮށްލަމުން ލޯގަނޑުން ފަރިބަލާލިއެވެ.

"އަޒުކީ... ޑުއައިލުކް އޯކޭ... އޯ އިޒް ދިސް ޓޫމަޗް...."

ޑްރެސިންގް ޓޭބަލް ކުރިމަތީ އިށީނދެގެން އިން ތާރާ ގޮނޑިން ތެދުވެ ދެ ފަރާތަށް އެނބުރެމުން ލައިގެން ހުރި ކަޅުކުލައިގެ ކުރު ހެދުމަށް ބަލާލިއެވެ. އެ ކަޅު ހެދުމާއި، ނިއުޅުވާލާފައިވާ ކަޅު ފަން އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ހަމުގެ ކުލަ އިތުރަަށް ދޮން ކަމަށް ދައްކައެވެ.

"ޔޫ ލުކް ސޯ ބިއުޓިފުލް... އައިފީލް ޖެލަސް... އިކާން ކަހަލަ ސްޓާރެއް ވިއްޔަ... ސިސް ޖޭ ނުވޭތަ އެހެން އަންހެން ކުދިން އިކާންއާ ހެދި އުޅޭތީ..." އަޒްކާ ވާހަކަ ދައްކަމުން ގޮސް ހުއްޓުނީ އެ ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ އިކާންގެ ޕޯސްޓަރގެ ކުރިމައްޗަށެވެ.

މައިކެއް ހިފައިން އަސަރުގަދަ ބެލުމަކުން ބަލަން އިން އިކާން ވަރަށް ވެސް ރީއްޗެވެ. އިކާނަށް ލިބިފައިވަނީ އަންހެން ކުދިންގެ ހިތްތަކާ ކުޅެލާ ކަހަލަ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުން އިތުރަށް ފުރިހަމަ ކޮށްދެނީ އޭނާއަށް ލިބިފައިވާ ހުދު ދަތްތަކެވެ.

"ހެހެ... ޖޭ އެއް ނުވޭ... އައި ނޯ ހީޒް މައިން... އަޒުކީ ބަލާބަލަ އަޅެ ބޭބެއަށް އާދެވޭތޯ... ޖަސްޓް ކޯލް ހިމް...އަޒުކީ.... އިކާން ބުނި އެހާ ލަހެއް ނުވާނޭ..." ޑްރެސިންގް ޓޭބަލް މަތީ ހުރި އަތުގައި އަޅާ ރިހި ކުލައިގެ ހިމަ ތަނޑިތައް ނަގާ އަތުގައި އަޅަމުން ތާރާ ވާހަކަ ދެއްކިއެވެ.

"ސިސް.. ޕްލީސް ޑޯންޓް ކޯލްމީ އަޒުކީ.. އިޓްސް އަޒްކާ... އަޒްކާ.... އިނގިއްޖެތަ؟..." އަޒްކާއަށް ވަނަމުން މުހާތަބުކުރުމަކީ އޭނާ ވަރަށް ފޫހިވާ ކަމެކެވެ. ތާރާ ލޯބިން އެހެން ހަދަނީ އަޒްކާ ރުޅިއައިމަ ހުންނަލެއް ލޯބިކަމުންނެވެ. އަޒްކާ އަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އަދިވެސް އޭނާ އުޅެނީ އޭނާގެ ހިޔާލީ ދުނިޔޭގައެވެ. ބަލާ މީހަކަށް ހީވާނީ އޭނާއަކީ 13 އަހަރުގެ ކުއްޖެއް ހެންނެވެ.

އަޒްކާ އަތުގައި އޮތް ފޯނު ނަގާ އޭނާގެ ބައްޕައަށް ގުޅާލީ ތާރާގެ އެދުމަށެވެ. "ހެއި ޑޭޑް... ތާރާ ވޯންޓްސް ޔޫ ހިއަރ.. ވެން އާޔޫ ކަމިންގް.. އަވަހަށް އަންނައްޗޭ..." ފޯނު ކަންފަތާ ދުރުކޮށްލަމުން އަޒްކާ އެނބުރިލީ ތާރާއާ ދިމާއަށެވެ. "ބައްޕަ ފޯނެއް ނުނަގާ ސޯ އައި ލެފްޓް އަ ވޮއިސް މެއިލް..."

ތާރާއާ ދިމާއަށް އަޒްކާ ބަލާލަމުން އަނގަ ހުޅުވާލިއެވެ. "ވާއު.. ޔޫ ލުކް ގޯޖަސް..."

*** *** *** *** *** ***

ސެކިއުރިޓީ މީހާ ކައިރީހުރި މޭޒު މަތިން ފޯނު ނަގާ ނަންބަރަކަށް ފިތާލިއެވެ. އެކޮޅުން ފޯނު ނެގުމުން އިކާންއާ ދިމާއަށް ބަލަން ހުރެ ސެކިއުރިޓީ މީހާ ވާހަކަ ދެއްކިއެވެ. "މެޑަމް... މިސްޓަރ އިކާން އިޒް ހިއަރ..."

ސެކިއުރިޓީ މީހާ ވާހަކަދައްކާ ނިމެން ދެން އިކާން އެތާ މަޑުކޮށްގެން ހުރި އިރު އެ އިމާރާތުގެ އެކި ދިމާތަކަށް ނަޒަރު ހިންގާލިއެވެ. ސެކިއުރިޓީ މީހާ ފޯނު ބޭއްވުމަށްފަހު އިކާން ގާތު ދާންވީ ހަތްވަނަ ބުރިއަށް ކަމަށް ބުނެ ލިފްޓާ ދިމާއަށް އިޝާރާތްކޮށްލިއެވެ. ޝުކުރު އަދާ ކުރަމުން އިކާން ލިފްޓާ ދިމާއަށް ހިނގައިގަތީ އެއް ޖީބަށް އަތްޖަހައިގެން ހުރެ އަނެއް އަތުގައި އޮތް އަވިއައިނު ގަމީހުގެ ޖީބަށް ޖަހާލަމުންނެވެ.

ލިފްޓަށް އެރުމާއި އެކީ އިކާން ހަތްވަނަ ފަންގިފިލާއަށް ދާން ފިއްތާލުމަށްފަހު ލިފްޓުގައި ވާ ލޯގަނޑުން އޭނާގެ މޫނަށާއި އިސްތަށިގަނޑަށް ބަލާލިއެވެ. ލައިގެން ހުރި ގަމީހުގެ ގިރުވާން ރަނގަޅުކޮށްލަމުން ހިނިތުންވެލިއެވެ. މޫނުމަތިން ހާސްވާ ކަމުގެ ކުލަވަރުތައް ނުދައްކާ ވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ކަރުކެހިލަމުން ހަމަޖެހިލަން އިކާން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާގެ ނިތްކުރިން ދާހިއްލަމުން ދިޔައެވެ.

ލިފްޓުގެ ދޮރު އައިސް އެވަގުތު ހުޅުވުނީ ހަތްވަނަ ފަންގިފިލާއަށެވެ. ލިފްޓުން ނުކުމެ ކަނާތްފަރާތުން ފެންނަން ހުރި ދޮރާ ދިމާއަށް އިކާންގެ ފިޔަވަޅު އަވަސްކޮށްލިއެވެ. އެ ދޮރުމަތީ މަޑުކޮށްލަމުން ގަމީހުގައި އަތް ހާކާލަމުން ފުން ނެވާއެއް އެތެރެކޮށްލިއެވެ. ރަނގަބީލު ޖަހަން ނެގި އަތް އިކާން ތިރިކޮށްލިއެވެ. ކުރެވެން މިއުޅެނީ ކިހާވަރެއްގެ ކަމެއްބާއޭ އިކާންގެ ހިތަށް އެރިއެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ އިކާންގެ ސިކުނޑިއަށް އޭރު ވަނީ ބާރުކޮށްފައެވެ.

"އައި ކޭން ޑޫ ދިސް..." ހިތާ ހިތުން އިކާން ބުނެލީ އޭނާގެ ފިނޑި ހިތަށް ހިތްވަރު ދެމުންނެވެ.

*** *** *** *** *** ***

ދެމީހުން ސިއްސައިގެން ދިޔައީ ތާރާގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށެވެ.

"ތާރާ... އިކާން އެބަ އަަރާ މައްޗަށް.. އަދިވެސް ރެޑީ ނުވެވޭތަ؟..." ތަހުމީނާގެ އަޑު ޖެހުމުން ތާރާގެ ހިތް އވަސްވިއެވެ. އިކާން އަންނަަނީ ކަން އެނގުމުން ތާރާގެ ހަތަރެސް ފައި ފިނިވެގެން ދިޔައެވެ.

"މަންމާ... ދެން މި ނިމުނީއޭ..." އަނެއްކާވެސް އެނބުރި ލޯގަނޑުން ތާރާގެ މޫނަށް ބަލާލިއެވެ. "ޕާފެކްޓް.... އިޓްސް ޕާޕެކްޓް"

ތާރާއަށް ވުރެ ކުރިން އެ ކޮޓަރިން ނުކުތް އަޒްކާ ބޭރަށް ބޯދިއްކޮށްލަމުން ސިޓިންގް ރޫމަށް ބަލައިލީ އިކާން ހުރިތޯ ބެލުމުގެ ނިޔަތުގައެވެ. އަޒްކާގެ ފަހަތުން ނުކުތް ތާރާ ބަލާލީ އޭނާގެ މަންމަ ތަހުމީނާ ކޮބައިތޯއެވެ. މަންމައަށް ގޮވާ ނުލެވެނީސް ތާރާގެ ކަންފަތުގައި ޖެހުނީ ގޭގެ ރަނގަބީލު ޖެހި އަޑެވެ. ދޮރާ ދިމާއަށް ހިނގައިގަންނަމުން އަޒްކާ ކައިރީ މަންމައަށް ގޮވާލާށޭ ތާރާ ބުނެލީ އަޒްކާ އެތަނުން ފޮނުވާލަން ވެގެންނެވެ.

ދޮރު ކުރިމައްޗަށް މައްޗަށް ހުއްޓެމުުން އިސްތަށިގަނޑުގައި އަތް ހާކާލަމުން ތާރާ ދޮރު ހުޅުވާލީ ހިނިތުން ވަމުންނެވެ. އެއް ޖީބަށް އަތްޖަހާލައިގެން ދޮރުމަތީ ހުރި އިކާން ފެނުމުން ތާރާ ގަނޑުވިއެވެ.

"ތާރާ... ހާދަ ލޯތްބޭ...." އިކާން އެތެރެއަށް ވަންނަމުން ތާރާގެ ކޮލުގައި ހިފާލަމުން ނިތްކުރިއަށް ބޮސްދިނެވެ. އިކާންގެ ގައިން ދުވި މީރު ވަހުން ތާރާގެ ދެލޯ މެރުނެވެ.

މީހަކު ކަރުކެހެލި އަޑަށް ތާރާ ފަހަތަށް އެނބުރި ބަލާލީ އެތާ ތަހްމީނާ ހުރިކަމަށް ހީކޮށެވެ. ހަށަންބަނދެލައިގެން އެމީހުންނާ ދިމާއަށް ބަލަން ހުރީ އަޒްކާއެވެ.

- ނުނިމޭ -