އަހަރެމެންގެ މުޖުތަމައުގައި އެންމެ އާންމު ގޯސް އާދައަކަށް ވެފައި އޮންނަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެއީ ’ލައިފް ސަކު‘ ވިޔަސް، އެކުވެރިންނާ އެކު ކޮފީއަކަށް އަރާލިޔަސް، މަސް ދަތުރެއްގައި ވިޔަސް، ނުވަތަ މީޓިންއެއްގެ ތެރޭގައި ވިޔަސް ވެސް މެއެވެ. ހަގީގަތަކީ ރާއްޖޭގައި އަހަރުން އަހަރަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު އިތުރުވެގެން ދާ ކަމެވެ.

’ޓޮބޭކޯ އެޓްލަސް‘ ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ދުންފަތުގެ އިސްތިއުމާލުކޮށްގެން ރާއްޖެއިން އަހަރަކު އެވަރެޖްކޮށް 241 މީހުން މަރުވޭ
  • އަހަރެއްގެ މައްޗަށް ރާއްޖެއިން ދުންފަތަށް އެވަރެޖްކޮށް 437.3 މިލިއަން ރުފިޔާ ހަރަދުކުރޭ

އެ ވެބްސައިޓުގައި ޝާއިއުކުރި ބައެއް އަދަދުތަކަށް ބަލާލާއިރު، 2019 ވަނަ އަހަރު:

  • ރާއްޖޭގެ އާބާދީގެ 130،783 މީހުން (އާބާދީގެ 31 ޕަސެންޓު) ސިނގިރޭޓުގެ ބޭނުންކުރޭ
  • އެއީ 120،475 ފިރިހެނުންނާއި (46.5 ޕަސެންޓު) 10،308 އަންހެނުން (7.3 ޕަސެންޓު)
  • 10-14 ދެމެދުގެ އުމުރުފުރައިގެ 9 ޕަސެންޓު (8.5 ޕަސެންޓު ފިރިހެން ކުދިންނާއި 10.5 ޕަސެންޓު އަންހެން ކުދިން) ސިނގިރޭޓުގެ ބޭނުންކުރޭ
  • ސިނގިރޭޓު ނޫން އާލާތްތަކުން ދުންފަތުގެ އިސްތިއުމާލުކުރާ 6 ޕަސެންޓު މީހުން އެބަތިބި
  • މަރުވި މީހުންގެ ތެރެއިން 16 ޕަސެންޓު މަރުވުމުގެ ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން

ދުންފަތުގެ އިސްތިއުމާލުކުރުން، ގެއްލުން ބޮޑު، ވޭންދެނިވި ކަމެއް

ދުންފަތުގެ އިސްތިއުމާލުކޮށް އެ ތަކެތީގެ ބޭނުން އާންމު ގޮތެއްގައި ކުރުމަކީ އިންސާނާގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެކި ސާމާނުތަކުގައި 7،000 އަށް ވުރެ ގިނަ ކެމިކަލް ހުންނަ ކަމަށް، އެކި ދިރާސާތަކުން ދައްކައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ކުރިމަތިވާ އެކި ސިއްހީ ނުރައްކާތަކަށް ބަލާލާއިރު:

  • ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް: ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އެމްފިސީމާ އާއި ކްރޯނިކް ބްރޮންކައިޓިސް ފަދަ، ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމަށް މަގުފަހިވެގެން ދެއެވެ. އެމެރިކާގައި މަރުވާ މީހުންގެ 90% އަކީ ފުއްޕާމޭގެ ބަލިތައް ޖެހިގެން މަރުވާ މީހުންކަން ތަފާސްހިސާބުތަކުން ދައްކައެވެ.
  • ހިތުގެ ބަލިތައް: ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ސްޓްރޯކް ޖެހުމަށާއި ލޭނާރުތައް ހަރުވުމަށާއި ލޭ ގަނޑުވުމަށް މަގުފަހިވެއެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ހިރާސްތައް ބޮޑުވެގެން ދެއެވެ.
  • ކެންސަރުގެ ބަލިތަކަށް މަގުފަހިވޭ: ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން 16 ވައްތަރެއްގެ ކެންސަރު ބައްޔަށް މަގުފަހިވެއެވެ. އޭގެ ތެރޭގައި ފުއްޕާމޭގެ ކެންސަރާއި އަނގަޔާއި ކަރުގެ ކެންސަރު ހިމެނެއެވެ.
  • ހެދިބޮޑުވުމަށާއި ދަރިމައިވުމަށް ހުރަހެއް: މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން، ވިހާ ދަރިން އައިބުވުމަށާއި، ވިހާއިރު ހުންނަން ޖެހޭ ބަރުދަން ލުއިވުމަށާއި، ބައެއް ހާލަތްތަކުގައި ބަނޑަށް ދަރިން މަރުވުމަށް މަގުފަހިވެއެވެ.ދިފާއީ ނިޒާމް ބަލިކަށިކޮށްލާ
ދުންފަތުގެ ސަބަބުން ގެއްލުން ލިބޭކަމަށް ދައްކުވައިދޭ މަންޒަރު ޖެހި ފޮޓޯ، މިއަދުން ފެށިގެން ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ ފޮޓޯ / ފައިލް ފޮޓޯ: ދަ ޕްރެސް

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެތީގައި ހުންނަ ނުރައްކާތެރި ބައެއް ކެމިކަލްތަކުގެ ތެރޭގައި ހިމެނެނީ:

  • ނިކޮޓިން: ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެއްޗަށް ދެވިހިފަނީ މި މާއްދާގެ ސަބަބުންނެވެ. މި މާއްދާގެ ސަބަބުން ހިތް ވިންދު ޖަހާލެއް އަވަސްވެ ލޭގެ ޕްރެޝަރު މަތިވެއެވެ.
  • ތާރު: ފުއްޕާމޭގެ ޓިޝޫތައް ހަލާކުކޮށްލާ
  • ކާބަން މޮނޮކްސައިޑް: ހަށިގަނޑުގެ ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުން ލަސްކޮށްލާ
  • ފޯމަލްޑިހައިޑް: ނޭވާލާ ނިޒާމު މަސައްކަތްކުރަން މި މާއްދާއިން ހުރަސްއަޅާ
  • ބެންޒީން: މި މާއްދާ އާންމުކޮށް ހުންނަނީ ޕެޓްރޯލާއި ކުދި ސޫފި މަރަން ގެންގުޅޭ ސޫފިތަކުގަ

ދުންފަތާ ދުރުވާން ރަމަޟާން މަހުގެ ބޭނުން ހިފަމާ

ކޮންމެއަކަސް މި ރަމަޟާން މަހަކީ އެތައް ނޭދެވޭ އަމަލެއް ކުރުން ހުއްޓާލައި، ތިމާގެ އަމަލުތައް އިސްލާހުކޮށް ނޭދެވޭ އާދަތަކުން ދުރުވާން ހުޅުވާލެވޭ މުހިންމު ދޮރެކެވެ.

މި ރަމަޟާން މަހު ދުންފަތާ ދުރަށް ދާން ބޭނުން ނަމަ، ލަނޑުދަނޑިއެއް ކަނޑައަޅައި އެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރާށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހޭދަކުރާ ވަގުތު ޒިކުރު ކުރުމަށް ނުވަތަ ޤުރުއާން ކިޔެވުމަށް، ނުވަތަ ނަފްސަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމެއް ކުރުމަށް ހޭދަކުރާށެވެ. އެގޮތުން ގަވައިދުން ކަސްރަތުކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

މީގެ އިތުރުން، ރޯދަ ވީއްލާ ވަގުތު ދުންފަތުގެ އިސްތިއުމާލުކުރުމުގެ ބަދަލުގައި ކަދުރުކޮޅަކުން ނުވަތަ ފެންފޮދަކުން ރޯދަ ވީއްލުމަށް އާދަކުރާށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ފުރަތަމަ ދުވަސްކޮޅު ނަތީޖާއެއް ނުފެނިދާނެއެވެ. އެކަމަކު ދެ ތިން ހަފްތާއެއްގެ ތެރޭ މީހާގެ ނޭވާލުމާއި ހިއްސުތައް ރަނގަޅުވާ ކަމުގެ އިހުސާސްތައް ކުރެވެން ފަށާނެއެވެ.