ގަމީހުގެ އަތުކުރި އޮޅާލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން އިކާން އޭނާގެ ސޫރައަށް ބަލާލަމުން ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. އޭނާގެ މޫނުމަތިން އުދާސްކަން ފާޅުވަމުން ދިޔައެވެ.
ޑްރެސިންގް ޓޭބަލްމަތީ ބާއްވާފައިވާ އައިފޯނު ނަގާ ނަންބަރަކަށް ގުޅާލި އިރު އިކާންގެ ހިތް އަވަސްވެ މުޅި މީހާ ފިނިވިއެވެ. އެ ފަރާތުގެ ނިންމުމަށް ބަދަލެއް ގެނެވޭތޯ އިކާންގެ އެންމެ ފަހުގެ މަސައްކަތް ފެށިއެވެ.
އިކާންގެ އެންމެ ފަހުގެ ނިންމުން ހިއްސާކުރަން ބޭނުންވީ އެ ނިންމުމަކީ ދެފަރާތަށް ވެސް އެންމެ ރަނގަޅު ގޮތްތޯ ޔަގީން ކުރާށެވެ. ހައިޖާނެއްހެން އެ ހިޔާލުތައް އެނބުރެމުން ދިޔަ އިކާންގެ ހިތަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ. ކުރިއަށް ދިރިއުޅުން ގެންދަން އޭނާއަށް ފަސޭހަ ވާނީ ވެސް ރަނގަޅު ނިންމުމެއް ނިންމައިގެން ކަން އިކާން ގާބޫލު ކުރެއެވެ.
އިރުކޮޅަކު ފޯނު ރިންގްވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. އިކާންގެ ކަންފަތުގައި އެ އަޑު ޖެހުމާއި އެކީ އޭނާއަށް ކުރި އިހްސާސުން ދައްކަން ބޭނުންވެގެން އުޅުނު ވާހަކަ މުޅިން ހަނދާން ނެތުނު ކަހަލައެވެ.
"ކިހިނެއްވީ އިކާން... އަހަރެން މިއުޅެނީ ވަރަށް ބިޒީކޮށް... އައި ކާންޓް މީޓް ޔޫ ރައިޓް ނައު..." އެ އަޑުއަހަން ހިމޭނުން ހުރި އިކާނަށް ހަމަބިމަށް ފޭބުނީ އެ ވަގުތު އިކާންގެ ފޯނަށް މެސެޖެއް އައިސް ފޯނު ވައިބްރޭޓް ވުމުންނެވެ. ކަންފަތާ ފޯނު ދުރުކޮށްލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލުމުން އިކާނަށް އެ މެސެޖް ކުރީ ތާރާ ކަން އެނގުނެވެ. އެހިސާބުން މި ފޯނު ކުރަންޖެހުނު މަގްސަދު ހަނދާން ވުމުން އަނބުރާ ކަންފަތުގައި ފޯނު ޖައްސާލިއެވެ.
"އަހަރެން މިގުޅީ އަހަރެންގެ އެންމެ ފަހުގެ ނިންމުން ބުނަން... އަހަރެން މިއުޅެނީ މީހަކާ އިންނަން... ލައިފެއް ފަށަން... އެއީ ތިކޮޅުން ބޭނުންވި ގޮތެއްނު..." އިކާންގެ އަޑު މެދުކެންޑުނު އިރު އެކޮޅުން އެއްވެސް އެއްޗެއް ނުބުނެ ހުރީއެވެ. އެހެންކަމުން މާ ވާހަކަ ދިގު ކުރާކަށް އިކާން ބޭނުމެއް ނުވިއެވެ. "ދެން ބޭއްވީއޭ... މިގަޑީ އަހަރެންވެސް ވަރަށް ބިޒީ ވެއްޖެ..."
ކަންފަތުން ފޯނު ދުރުކޮށްލި އިރު އިކާންގެ އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނާގެ ހިތް އޭރު ދިޔައީ ތެޅި ފޮޅެމުންނެވެ. ހިތުގެ ކަނަކުން ބުނަމުން ދިޔައީ މިއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމުގައި ވިޔަސް އިކާންގެ މި ނިންމުން ބަދަލު ކުރެވޭނީ ހަމަ އެންމެ މީހަކަށެވެ.
މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝުލެއް ނަގާ އިކާންގެ ނިތްކުރިމަތިން ފާޅުވަމުން ދިޔަ ދާތިކިތައް މަޑުމަޑުން ފޮހެލިއެވެ. ފޯނުގެ ސްކްރީނަށް އޭރު ވެސް މެސެޖެއް އައިސްފައިވާ ކަމުގެ ނޮޓިފިކޭޝަން އަރާފައިވުމުން އެ މެސެޖް އިކާން ހުޅުވާ ބަލާލިއެވެ.
"ހެއި މައި ލަވް... ކޮން އިރަކުން އަންނަނީ... އައިމް ވެއިޓިންގް..." ފޯނުގެ ކީބޯޑުގައި ފަރިތަކަމާ އެކީ އިނގިލިތަކުން ފިއްތަމުން އިކާން އެކޮޓަރިން ބޭރަށް ނިކުންނަން ދިޔަ އިރު މޭޒުމަތީ އޮތް އަވި އައިނު ނެގިއެވެ.
"ތާރާ.... އައިމް އޮން މައިވޭ.. ވޯންޓް ބީ ލޭޓް..." މެސެޖް ފޮނުވާލަމުން އިކާން އެ އިމާރާތުން ބޭރަށް ނިކުމެ ދެފަރާތަށް ބަލާލިއެވެ. އޭރު އެ އިމާރާތުގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ރަތް ކާރު ފެނުމުން އިކާން ގޮސް އެ ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ.
މާލޭގެ ކާރުބާރު ބޮޑު މަގުތަކުން ދުއްވާފައި ދިޔައީ ގ. ރޯޒްވިލާއަށެވެ. އިރުއިރުކޮޅުން ފޯނުގެ ސްކްރީނަށް ބަލަމުން ދިޔަ އިރު ހީވަނީ މީހެއްގެ ކޯލަކަށް އިކާން އިންތިޒާރު ކުރަމުން ދިޔަ ހެންނެވެ. އެހެން އިންދާ އިކާންގެ ފޯނަށް މެސެޖެއް އައިސްފިއެވެ.
އެއީ 'އެކްސް އޯ' ގެ ނަމުން ނަންދީ ސޭވް ކޮށްފައިވާ ނަންބަރަކުން އައި މެސެޖެކެވެ. އިކާން އެ މެސެޖް ހުޅުވާލީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.
"ވަރަށް އުފާކޮށްފިން އަހަރެން ދެއްކި ވާހަކަ އިކާން ގަބޫލު ކުރީތީ... އައި ކާންޓް މެރީ ޔޫ... ފެށި އިރު ވެސް ބުނިން ދޯ"
މެސެޖް ކިޔާލުމަށްފަހު ފޯނުން އެ މެސެޖް އިކާން ޑިލިޓްކޮށްލީ ހިތާ ދެކޮޅަށެވެ. އެއީ އިކާން އުންމީދު ކުރި ޖަވާބެއް ނޫނެވެ.
ބާރު ސްޕީޑެއްގައި ދުއްވާފައި އައި ރަތް ކާރުގެ ދުވެލި މަޑުކޮށްލީ ދިހަ ބުރީގެ ބޮޑު އިމާރާތެއްގެ ކުރި މައްޗަށެވެ. ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމާ އެކީ ކާރުން ފޭބި ފުރިހަމަ ރީތި ޒުވާނަކީ އަންހެން ކުދިންގެ ހިތްތައް ކަތިލަމުން އަންނަ މަޝްހޫރު ސްޓާރެކެވެ.
ލައިގެން ހުރި ކަޅު ކުލައިގެ ގަމީހާއި ފަޓުލޫނުގައި ބެގީ ޖަހާ، ބޫޓަށް އަރާފައި ހުރި އިރު އޭނާގެ ލޮލުގައި އަޅާފައި ވަނީ ރޭބަން އަވި އައިނެކެވެ. ބޮލުގެ އިސްތަށިގަނޑު ދެފަރާތުން ތުނިކޮށްލާފައި ވާއިރު ބާކީ ބައި ހުރީ ކުޑަކޮށް ދިގުކޮށެވެ. މައްޗަށް އިސްތަށިގަނޑު ފުނާއަޅާފައިވާ އިރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ތުނިކޮށް ފަޅަންފަށާފައިވާ ތުނބުޅިއާ މަތިމަހުންނެވެ.
ކާރުން ފޭބުމަށްފަހު ކާރު ދުއްވަން އިން ޑްރައިވަރު ގާތު ދެން ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުނެލަމުން އިކާން އެ އިމާރާތާ ދިމާލަށް އެނބުރިލިއެވެ. އަތުގައި އޮތް ފޯނުން ގަޑިއަށް ބަލާލަމުން ކުރިއަށް ދާން ހިނގައިގަތީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.
"ބަލާބަލަ.. އެއީ އިކާން ދޯ... ވާއު.. އަޅެ އޭނާ ހާދަ ހޮޓޭ..."
އިމާރާތުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ޒުވާން އަންހެން ކުދިންތަކުގެ ތެރެއިން އެއް ކުއްޖަކު އެހެން ބުނެލި އަޑު އިކާންގެ ކަންފަތުގައި ޖެހުނެވެ. ނަމަވެސް އެކުދިންނާ ދިމާލަށް ބަލައި ވެސް ނުލައި އިކާން ކުރިޔަށް ހިނގައިގަތީ އެތާ މަޑުކުރަން ޖެހިދާނެތީއެވެ.
އިމާރާތުގެ މައި ގޭޓުން އެތެރެއަށް ވަދެވަދެ ހުރި އިކާންގެ ފިޔަވަޅު ހުއްޓުނީ އެ ތަނުން ދުވެފައި އައި އަންހެން ކުއްޖެއް އިކާންގެ ނަމުން ގޮވާލުމުންނެވެ. ލޮލުގައި އަޅާފައިވާ އަވި އައިނު ނަގަމުން އިކާން އެ އަންހެން ކުއްޖާއަށް ބަލާލީ ލުއި ހިނިތުންވުމަކާ އެކީގައެވެ.
ގަލަމަކާ ފޮތެއް ދިއްކޮށްގެން އެ އަންހެން ކުއްޖާ ހެވި ދިލިފައި ހުރީ އިކާންގެ އަތުން އޮޓޯގްރާފެއް ހޯދާށެވެ. ހިނިތުންވެލަމުން އިކާން އެކުއްޖާގެ ނަން އަހާލީ އެގަނޑުގައި ބޮޑު ސޮއެއް ކޮށްލަމުންނެވެ. ޖަވާބުގައި އެކުއްޖާގެ ނަން ބުނެލީ ލަދުރަކި ހިނިތުން ވުމަކާ އެކީގައެވެ.
އެ ކުއްޖާއަށް ފޮތް ހަވާކޮށްލަމުން އެ އިމާރާތަށް ވަންނަން އިކާން ހިނގައިގަތީ އެހިސާބުގައި ދެން ތިބި ކުދިން އައިސް އޭނާ ހުއްޓުވާފާނެތީއެވެ. އިމާރާތުގެ ތެރެއަށް ވަދެ އިކާން މިސްރާބު ޖެހީ ލިފްޓާ ދިމާއަށެވެ. ލިފްޓް ކައިރީގައި މަޑުކޮށްގެން ހުރި ސެކިއުރިޓީ ބަލަހައްޓާ ޒުވާނާ ހިނިތުންވެލަމުން ބައްދަލުކުރަން ބޭނުން ވަނީ ކޮން ބޭފުޅަކާތޯ ސުވާލު ކޮށްލިއެވެ.
"އައިޝަތު ތާރާ...." ފިރިހެންވަންތަ ބަރު އަޑުން އިކާން ޖަވާބު ދިނީ ލުއި ހިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުންނެވެ.
- ނުނިމޭ -
ފެށުން ވަރަށް ސަޅި... ދެވަނަ ބައިގެ އިންތިޒާރުގަ