ދިވެހިރާއްޖެއަށް މާދަމާއަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ މިރޭ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ހަނދު ސާބިތުވިކަން އިއުލާނުކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރެއްވި ބަޔާން އިއްވަވަމުން ވިދާޅުވީ، މި ޝައުބާން މަހުގެ 29 ވަނަ ދުވަހުގެރޭ އިރުއޮއްސުނު ފަހުން އިސްލާމީ ބައެއް ގައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނިފައިވާކަން ޝަރުއީ ހަމަތަކުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައި ވާ ގޮތުގެ މަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ބަޔާން ނިންމަވާލައްވަމުން މިނިސްޓަރު ވަނީ ރަމަޟާން މަހުގެ ފަރުޟުތައް އަދާކުރުމަށް ފަރުވާތެރިވުމަށާއި ހެޔޮ އަމަލުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.