މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ރާއްޖޭގެ 3 ވަނަ އެކްޝަން ޕްލޭން އދގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ) އަށް ހުށަހަޅައިފިއެވެ.

ޓޫރިޒަމް އެންޑް އެންވާރަމެންޓު މިނިސްޓްރީ އިން ބުނީ މިއީ ބައިނަލްއަގުވާމީ މައިދާނުގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ދިވެހިރާއްޖޭގެ އިސްނަގާކަން ދޭހަކޮށްދޭ ކަމެއް ކަމަށާއި މި ޕްލޭން ހުށަހެޅި ފުރަތަމަ 17 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

މި ޕްލޭން އަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔޫއެންއެފްސީސީސީގެ ޕެރިސް އެގްރިމެންޓްގެ ދަށުން ކޮންމެ ގައުމަކުންވެސް 5 އަހަރަކުން އެއް އަހަރު ހުށަހަޅަންޖެހޭ ޕްލޭނަކަށްވާއިރު މި ޕްލޭންގައި ސަރުކާރުގެ ސިޔާސަތުތަކަށް ބިނާކޮށް 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވަށް ބޭރުކުރާ ވިހަގޭހުގެ މިންވަރު މަދުކުރުމަށް ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހަކަތައިގެ ދާއިރާއިންނާއި، ދަތުރުފަތުރުގެ ދާއިރާ އަދި ކުނި މެނޭޖްކުރުމުގެ ދާއިރާތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށް ކުރެވޭނެ މަސައްކަތްތައް ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން އެ މިނިސްޓްރީ އިން ބުނީ ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު ކުޑަ ގައުމެއް ކަމުގައި ރާއްޖެ ވީނަމަވެސް ރާއްޖޭގެ އާ ކްލައިމެޓް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ ވަރަށް އުންމީދީ ލަނޑުދަނޑިތަކެއް ކަމަށެވެ. ނަމަވެސް މި ލަނޑުދަނޑިތައް ހާސިލުކުރެވޭނީ މާލީ ގޮތުންނާއި ޓެކްނޮލޮޖީ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ލިބިގެން ކަމަށް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީ އިން ބުނީ ދަނޑުވެރިކަމާއި، ހަކަތައާއި ކާބޯތަކެތީގެ އިތުރުން އިންފްރާސްޓްރަކްޗާގެ ވިލުންތެރިކަމާއި ރަށް ގިރުމުގެ ސަބަބުން ދިމާވާ މައްސަލަތަށް ފިޔަވަޅު އެޅުންވެސް ހިމަނާފައިވާ ކަމަށެވެ. އެންވާރަމެންޓު މިނިސްޓްރީ އިން ރާއްޖެއިން ހުށަހެޅި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ތަރައްގީގެ ޕްލޭންތަކާއި އެކި ދާއިރާތަކާއި ސިނާއަތްތަކުން އިސްކަންދޭ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.