ހުޅުމާލެގައި ބިނާކުރެވޭ މަސްޖިދު އުންމުލްމުއުމީން އާއިޝާ ރަޟިޔަ ﷲ އަންހާ މިސްކިތުގެ ބިންގާ މިއަދު ހަވީރު އެޅިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަދީނާ އިންވެސްޓްމެންޓުގެ ފަރާތުން މެނޭޖުކުރާ މި މަސައްކަތަކީ ޝައިހު އިސްމާއީލު މުހައްމަދުގެ އެހީގައި ބިނާކުރާ މިސްކިތެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ މި މިސްކިތަކީ ފޮތް ކިޔަން ތިބެވޭ ގޮތަށް ލައިބްރަރީއަކާ އެކު 2 ބުރިއަށް ބިނާކުރެވޭ މިސްކިތެއް ކަމަށާއި، މިސްކިތުގައި އެތެރެއާއި ބޭރާއެކު 2 ހާސް ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މި މިސްކިތަކީ ރިސާޗް ލައިބްރަރީއަކާ އެކު ގާއިމު ކުރާ ފުރަތަމަ މިސްކިތް. މި މިސްކިތް ނިސްބަތްކުރެވިފައިވަނީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށް.
މިނިސްޓަރު ޝަހީމް

މި މިސްކިތަކީ ސޯލާ ނިޒާމަކާއެކު އޭސީ ކުރެވިފައިވާ މިސްކިތެއް ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ޖާގައާއެކު ހާއްސަ ފާހާނާ ވެސް ހުންނާނެކަމަށެވެ. 1 އަހަރު ތެރޭ މި މިސްކިތް ބިނާކޮށް ނިންމޭނެ ކަމަށާއި އަމާޒަކީ ދެން އަންނަ ރަމަޟާން މަހަށް މިސްކިތް ހުޅުވުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މިސްކިތް ހުޅުވުމަށް ފަހު މިސްކިތުގައި އިލްމީ ދަރުސްތަކާއި ގުރުއާން ހިތު ދަސްކުރުމުގެ މަޝްރޫތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މާލާ ކޮންސްޓްރެކްޝަނާއި ހަވާލުކޮށްގެން އިމާރާތް ކުރާ މި މިސްކިތަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މި މިސްކިތަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް ފަސޭހައިން ވަދެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެއް ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.