ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާއިރު އެމްޓީސީސީގެ ދަށުން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ނަމުގައި މިފަދަ ކަމެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ ސަމާލުވުމަށް އެމްޓީސީސީ އިން އިލްތިމާސްކޮށްފިއެވެ.

"މޯލްޑިވްސްޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން އާރްޓީއެލް މެދުވެރިކޮށް ތިން މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް " ވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އެމްޕީއެލްއިން ބުނީ މި ޕޭޖް ގައި ހިންގަމުން ގެންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ އާއި ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށެވެ. އެމްޓީސީސީގެ ފަރާތުން އައު ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފުކުރާނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މިއަދު މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު، މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއ،ި އެފަދަ ފަރާތްތަކާއެކު އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފަައެވެ. "މި ކުންފުންޏަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައ،ި ނުޙައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުޒީބު އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރަން. އަދ،ި ދިވެހިރާއްޖޭގެ އިގްތިސާދައް އިޔާދަނުކުރެވޭނެފަދަ ބޮޑު ގެއްލުން މިފަދަ އަމަލުގެ ސަބަބުން ކުރިމަތިވެދާނެ" އެމްޓީސީސީން ވަނީ ބުނެފައެވެ.

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ފޭސްބުކް ގައި ހިންގަމުންދާ ޕޭޖް ރިޕޯޓްކޮށް މި ޕޭޖުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށާއ،ި މި ޕޭޖުން ފޮނުވާފައިވާ އެއްވެސް ލިންކެއް ބޭނުންނުކުރުމަށް ސަމާލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.