އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރެއްސެވި 'ބަރަހަނާ ގާޒާ' އާ ހެދި ގިނަބައެއްގެ ފާޑިކުޔުން އޭނާއަށް އަމާޒުވަމުން އެބަދެއެވެ.
ޓްރަމްޕްގެ ތަސައްވުރާ އެއްގޮތަށް އޮންނަ ގާޒާ ދައްކާލަން އޭއައިގެ އެހީގައި ކުރަހާފައި ވާ މަންޒަރުތަކުގައި ގާޒާގެ ގޮނޑުދޮށުގައި އޭނާ އާއި ނަތަންޔާހޫ ބޮކްސާކޮޅުގައި ޖޫސްތަށި ހިފައިގެން އޮންނަ މަންޒަރު ދައްކައެވެ. އަދި ކްލަބްތަކުގައި ފެންނަ ބެލީ ޑާންސް ކުރާ އަންހެނުންނާއެކު ޓަރްމަޕް މަޖާ ކުރައްވާ މަންޒަރާއި ޓްރަމްޕްގެ ރަހުމަތްތެރިޔާ އަދި ބިލިއަނަރު އިލޮން މަސްކް ޝިމްސް ކާ މަންޒަރު ވެސް ދައްކައެވެ. ޝިމްސް އަކީ ޗިކްޕީސް އާއި ތެޔޮ އަދި ލެމަން ޖޫހާއި ޓަހިނީ އަދި ގާލިކް އަޅައިގެން ހަދާފައި ހުންނަ މެދުއިރުމައްޗަށް ހާއްސަ މީރު ކެއުމެކެވެ.
މީގެ އިތުރުން 'ގާޒާ ޓްރަމްޕް' ގެ ނަމުގައި ހުންނަ ހޮޓަލާއި އޭނާގެ ސިފައަށް ރަން ގިރިޓީ ކޮށްގެން ހަދާފައި ހުންނަ ބޮޑު ބުދެއްވެސް ގާޒާގެ މެދުތެރޭގައި ބަހައްޓާގައި ހުރެއެވެ. މީގެ އިތުރުން ނާޗަރަންގީގެ މަންޒަރުތަކާއި ގޮނޑުދޮށްތަކުގައި މަޖާކުރާ މަންޒަރުތައް ވެސް ދައްކައެވެ.
މި ބަރަހަނާ ގާޒާގެ ތަސައްވުރާއެކު ހަމާސް އިން ބުނެފައި ވަނީ، ޓްރަމްޕް އަށް ފެނިވަޑައިގެން އުޅުއްވާ މަންޒަރަކީ ގާޒާގެ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށާއި ގާޒާގެ ރައްޔިތުން ބޭނުންވަނީ 'ޖެއިލަރު' ގެ ކިބައިން މިނިވަން ވެ، އަމާން ކަމާއެކު އުޅެވޭނެ އިގުތިސޯދީ މިނިވަން ކަން އޮތް ގާޒާއެއް ކަމަށެވެ. އަދި ގާޒާ އަކީ ގާޒާގެ ދަރީންނަށްޓަކައި އޮތް ތަނަކަށް ވުން ކަމަށް ވެސް ބުނެއެވެ.
ހަމާސްގެ އެ ބަޔާނުގައި ޖެއިލަރު ކަމަށް ނިސްބަތް ކޮށްފައި އެވަނީ އިޒްރޭލުގެ ވަކިތަކަށެވެ.
ގާޒާއިން މީހުން ބާލައި އެތަން އަތްދަށުލައި ހިޔާލު ޓްރަމްޕް ފާޅުކުރެއްވުމާއެކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުންތައް އަމާޒު ކުރިއެވެ. އެއާއެކު އެ ހިޔާލު ދެކަފިކުރައްވައި ގާޒާއިން މީހުން ބާލަން ނޫޅުއްވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން މި ވީޑިއޯ އާންމު ކުރެއްވުމާއެކު ބައިނަލްއަގުވާމީ ފަރާތްތަކުން އަމާޒުވާ ފާޑުކިޔުންތައް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ ގާޒާއިން މީހުން ބޭލުމަކީ ޓައިމްބޮމެއް ގޮއްވާލުން ނޫން ކަމަކަށް ނުވާނެ ކަމަށެވެ. އދ އިން ބުނެފައި ވަނީ، ގާޒާއިން މީހުން ބާލާ އެއްވެސް ހަރަކާތަކަށް އެ ޖަމާއަތުން އެއްބާރުލުން ނުދޭނެ ކަމަށެވެ. މީގެ އިތުރުން ބައިލްއަގުވާމީ މައިދާނުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކިއެކި ޖަމާއަތްތަކުން ވެސް ފާޑުކިޔާފައި ވެއެވެ.
ގާޒާ އިން މީހުން ބާލައި އަމިއްލަ ކުރަން ޓްރަމްޕް ފާޅު ކުރެއްވި ހިޔާލަށް ނަތަންޔާހޫ ވަނީ ފުރިހަމައަށް ތާއީދު ކޮށްފައެވެ. އަދި މުޅި އިޒްރޭލުގެ އާބާދީގެ 80 ޕަސެންޓް އެކަމަށް ތާއީދު ކުރެއެވެ.