ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދޭނެ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނެސްފިއެވެ.
ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ތަކެތި ގަތުމާއި ހިދުމަތް ދޭން ހަވާލުކުރެވޭނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކަށް ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހާއެކު ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކުގެ ގޮތުގައި ކަމާ ގުޅޭ ދައުލަތުގެ އޮފީހަކުން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައ،ި އެ މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތައް ކުރިއަށް ގެންދަން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން އަމަލު ކުރުމުގެ ޖާގަވެސް ލިބިގެން ދެއެވެ. އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދޭ ބާވަތުގެ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅަން ޖެހޭނެކަމަށް މި އިސްލާހުގައިވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން "ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް" ގެ ތެރެއިން ދައުލަތުގެ އޮފީހަކުން މިނިސްޓްރީ އަށް ހުށަހަޅާ އަދި މިނިސްޓަރުގެ ލަފާގެ މަތިން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ވަކި މަޝްރޫއެއް ހަވާލުކުރުމަށް ނިންމައިފި ނަމަ އެ މަޝްރޫއަށް ބިޑު ސެކިއުރިޓީ އާއި ޕާފޯމަންސް ގެރެންޓީ ނުވަތަ ސެކިއުރިޓީ ނެގުން އިސްތިސްނާ ކުރުމުގެ އިހުތިޔާރު ވެސް މިނިސްޓަރަށް ލިބިގެންދެއެވެ.
މި މާއްދާގެ ދަށުން އިސްތިސްނާ ވާ މަޝްރޫއުތައް ބަލަހައްޓާ ކަމާ ބެހޭ މިނިސްޓްރީއަކުން އެ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓު އެކުލަވާލަންޖެހެއެވެ. އަދި މިނިސްޓްރީން އަންގާ ގޮތުގެ މަތީން މިނިސްޓްރީ އަށް ފޮނުވަމުން ގެންދަން ވާނެކަމަށް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.