ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ އިސްލާހަށް ތާއީދުކުރައްވަން ނިންމެވީ މެޖޯރިޓީ އާ އެކު ކުރިޔަށް ދިއުމަށް ކަމަށް، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއިރު، ނުވަ މެންބަރަކު އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި އެއް ގޮތަކަށް ވެސް އަނާރާ އިސްލާހާ އެއްކޮޅަކަށް ވެސް ދެކޮޅަކަށް ވެސް ވޯޓު ނުދެއްވައެވެ. ނަމަވެސް އިސްލާހު ފާސްކުރަން ފެންނަ ކަމަށް ނެގި ރޯލް ކޯލް ވޯޓުގައި އޭނާ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ.

މިކަމާ ގުޅިގެން 'އެކްސް'ގައި އަނާރާ ލިޔުއްވި ގޮތުގައި، މެޖޯރިޓީން ކަމެއް ނިންމާއިރު ރަނގަޅު ގޮތަކީ މެޖޯރިޓީ އާ އެކީ ކުރިޔަށް ދިޔުމެވެ.

"ކޮމިޓީގެ ބިލުތަކަށް ހިޔާލު ފާޅުކުރަން، ނަމަވެސް މެޖޯރިޓީން ކަމެއް ނިންމާއިރު ދާން ޖެހެނީ ޓީމާ އެކު ކަމަށް ގަބޫލުކުރަން،" އެކްސްގައި އަނާރާ ލިޔުއްވާފައިވެއެވެ.

މި އިސްލާހު ދިރާސާކުރި ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރެއްވި އަނާރާ ކޮމިޓީ މަރުހަލާގައި ކަންބޮޑުވުން ފާޅުކުރެއްވީ ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އެންމެ ހަތް ދުވަހަށް ކުރުކޮށްފައި އޮތުމުންނެވެ. އެކަމަކު ވެސް އެ މާއްދާއަށް އިސްލާހެއް ހުށަހަޅަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

އަބްދުއްސައްތާރު ހުށަހެޅުއްވި މި އިސްލާހަށް ޕީއެންސީގެ ބައެއް މެންބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ. އެ މެންބަރުންނަކީ:

  • މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު
  • މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
  • އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު
  • މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް
  • ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން

މީގެ އިތުރުން ސަރުކާރަށް ތާއީދުކުރާ އެމްޑީއޭ ތަމްސީލުކުރައްވާ އެ ޕާޓީގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި، އެ ޕާޓީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މި އިސްލާހަށް އެއް ގޮތަކަށް ވެސް ވޯޓު ނުދެއްވައެވެ.