ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ކަންބޮޑުވުންތަކެއް ވެސް ހުއްޓައި، ރޯލް ކޯލް ވޯޓަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަތަކުން ފަހަކަށް މަދުކުރުމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ފާސްކުރީ އެއްވެސް އުނިއިތުރެއް ގެނައުމެއް ނެތިއެވެ. މި އިސްލާހު ފާސްކުރަން 68 އަދި ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހު ބަލައިގަނެ، އިއްޔެ ހަވީރު ޖުޑީޝަރީ ކޮމިޓީން ނިންމީ އިސްލާހު ފާސްކުރަން ފެންނަ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ފިލްޒާގެ ދެއްވި ލަފަޔާ އެކު ކޮމިޓީން ރޭ އިތުރު ބައްދަލުވުމެއް ބޭއްވިއެވެ.

ފިލްޒާ ދެއްވި ލަފާގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އެ އަދަދު އޮނަހިރި އަދަދަކަށް ބަދަލުކުރުން ގާނޫނުއަސާސީ އާ ތައާރުޒުނުވާ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރަން ހުށަހެޅި ގޮތަކީ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުން ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ލަފާގައި ވިދާޅުވިއެވެ.

ފިލްޒާގެ ލަފާގައި ސަބަބެއް ކަމަށް ފާހަގަކުރެއްވީ ފަނޑިޔާރުން ވަކިކުރުމާ ގުޅޭ އިޖުރާއާތުތަކުގެ ތަފްސީލު ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައި ވުމެވެ. ފިލްޒާ ވިދާޅުވިގޮތުގައި ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ ފެށެނީ ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން، ނުވަތަ ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭ ސަބަބުތަކެއް ހުރި ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެންނެވެ.

އަދި މި އިސްލާހުގެ ދަށުން ފަނޑިޔާރު ގާބިލުކަން ނެތް ކަމަށް ކަނޑައަޅައި ޖޭއެސްސީން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ދައުލަތުން ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދޭން ޖެހޭނެ ކަމަށް ބިލުގައި އޮތް އޮތުން ދެކޮޅު ނުޖެހޭ ކަމަށާއި، އެއީ ޝަރަފުވެރިކަމާ އެކު ވަކިވާ ފަނޑިޔާރުންނަށް ދެވޭ އިނާޔަތެއްކަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަން ވެސް ފިލްޒާގެ ލަފާގައި ފާހަގަކުރައްވާފައިވެއެވެ.

މި ލަފަޔާ ގުޅިގެން ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ރޭ ނިންމީ އިސްލާހު އޮތް ގޮތަށް ތަޅުމަށް ފޮނުވުމުގެ އިތުރުން ފިލްޒާގެ ކަންބޮޑުވުންތަކާ މެދު ގޮތެއް ނިންމުމަށް ވެސް ތަޅުމުގައި ވޯޓަށް އެހުމަށެވެ. ނަމަވެސް ރިޔާސަތުން ނިންމީ ފިލްޒާގެ ކަންބޮޑުވުންތަކަށް ވޯޓަށް ނާހައި އިސްލާހު ފާސްކުރުމަށެވެ.

މި މައްސަލައިގައި ޖަލްސާ ހޫނުވެ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްގެ ނަން އިއްވައި ވަނީ ތަޅުމުން ބޭރުކޮށްފައެވެ. އިސްލާހަށް ވޯޓުލުން ކުރިޔަށް ގެންދިޔައީ ވެސް މި ތިން މެންބަރުން ނުހިމަނައެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހަޅުއްވާފައިވެއެވެ. އެއީ:

- ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން

- ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ، އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ، އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.

އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއިރު، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު ވަނީ ހަތަކަށް އަލުން އިތުރުކޮށްފައެވެ.