ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އިއްޔެއެވެ. މިއަދުގެ ޖަލްސާގައި ވަނީ އެ ބިލަށް ބަހުސްކޮށް އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލައިފައެވެ.

މީގެ އިރުކޮޅެއް ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖުޑިޝަރީ ކޮމިޓީން ނިންމީ އިސްލާހު ފާސްކުރަން ފެންނަ ކަމަށެވެ. އެކަމަކު ކޮމިޓީގައި ބައިވެރިވި ދެ މެންބަރަކު އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައި ވަކިކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ މެންބަރަކު އިންނެވިއެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހަޅުއްވާފައިވެއެވެ. އެއީ:

  • ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން
  • ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ، އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ، އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.

އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއިރު، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު ވަނީ ހަތަކަށް އަލުން އިތުރުކޮށްފައެވެ.