ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު އިއްޔެ ހުށަހެޅުއްވި އިސްލާހަށް ދޮޅު ގަޑިއިރަށް ބަހުސްކުރުމަށް ފަހު މަޖިލީހުން ބަލައިގަތީ ރިޔާސަތުން އެކަމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ.
އިސްލާހު ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ.
މި އިސްލާހުން މަޖިލީހުން ބަލައިގަތުމުން ރިޔާސަތުން ވަނީ އިސްލާހު އިތުރަށް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާލައިފައެވެ. އަދި ހަވީރު 4 ޖަހާއިރު ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހަޅުއްވާފައިވެއެވެ. އެއީ:
- ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުން
- ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ، އަދި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ، އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިޔަށްދާ ދަނޑިވަޅެއްގައެވެ.
މި އިސްލާހާ ޕީއެންސީގެ ބައެއް މެންބަރުން ދެކޮޅުކަން އެކި ނޫސްތަކުގައި އޮތް ނަމަވެސް، މި ނޫހުން ސުވާލުކުރި ދެ މެންބަރަކު ވަނީ އެކަމާ މެދު ބަހެއް ވިދާޅުވާން ދެކޮޅު ހައްދަވައިފައެވެ. އަދި ބައެއް މެންބަރުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މެންބަރުންގެ ބަހެއް ލިބޭ ގޮތް ނުވިއެވެ.
އެކި ސަރުކާރުތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު ހަތަކުން ފަހަކަށް މަދުކުރިއިރު، އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު ވަނީ ހަތަކަށް އަލުން އިތުރުކޮށްފައެވެ.