މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބޭހެއް ހެޔޮ އަގުގައި އެސްޓީއޯ ބޭސް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭހުގެ މައްސަލަ ކަމަށާއި ބޭހުގެ އަގު ދަށް ކުރުމަށް ސަރުކާރުން ފިޔަވަޅު އެޅި ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ ތެރެއިން ބޭހުގެ ވިޔަފާރިކުރާ އެތައް ބަޔަކު ފައިދާ ނަގަމުން ދިއުމުން ކަމަށެވެ. އެގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި އޭގެ ވިޔަފާރިވެރިން ބޭސް އެތެރެކުރުން ހުއްޓާލި ކަމަށާއި ބޭސް ލިބުމުގެ ދަތިކަމާ ކުރިމަތިލާން ޖެހުނީ އެ ސަބަބާ ހުރެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިހާރު ފިޔަވަޅުތަކެއް އަޅާއިގެން ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގޮތުން ފިނޭންސް މިނިސްޓްރީއާ ގުޅިގެން މިހާރު އެސްޓީއޯ އިން ބޭސް އެތެރެ ކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށާއި މެޑިކަލް މާފިޔާތަކަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ މާޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުންލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް އެންމެ ޒަރޫރީ ބޭސްތަކުގެ އިތުރުން އެހެން ހުރިހާ ބޭހެއް ވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ތާރީހުން ފެށިގެން ބޭހުގެ ދަތިކަމެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޭސް ވިޔަފާރީގައި އުލޭ އަމިއްލަ ވިޔަފާރިތަކުން ސަރުކާރަށް އުނދަގޫ ކުރުމަށް ކުރި މަސައްކަތް އެއްކޮށް ހައްލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި އެ ވިޔަފާރުވެރިން އެތައް ހާސް ފައިދާއެއް ނަގަމުން އައި ކަަމަށާއި އެ ފައިދާ ނަގަމުން އައީ ރައްޔިތުން ދައްކަމުންދާ ޓެކުހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށެއްގައި އާދައިގެ ބޭސް ފިހާރައެއް ހުޅުވާލާ މީހާ ވެސް އަހަރެއް ނުވަނީސް ބޮޑެތި މަސްދޯނިތައް ބަންނަ ކަމަށާއި މިއީ ހަގީގަތް ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލަ މި ޖެހުނީ ހުއްޓުވާލީމަ ކަމަށާއި އެ އިސްރާފު ހުއްޓުވާލީ ރައްޔިތުންގެ ލާބައާ މަންފާއަށް ކަމަށް ރައީސް ވިދާޅުވިއެވެ.