ދ. މާއެނބޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ކުރިން ފެށޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، "އުފާވެރި އަމާން ރާއްޖެ" ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ދ އަތޮޅަށް ރައީސް ސޯލިހް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފަސް ވަނަ މަންޒިލް ކަމަށް ވާ ދ. މާއެނބޫދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މާއެނބޫދޫގެ ރައްޔިތުން އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި އެދިފައި ވަނީ ބިން ހިއްކުން ކަމަށެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

މިހާރު އެ މަސައްކަތް ވަނީ ބަޖެޓްކޮށް، ޓެންޑާ ޕްރޮސެސް ނިމި، އެ މަސައްކަތް ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ލުމުގެ ކުރިން ފެށޭ ހިސާބަށް ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު މާއެނބޫދޫގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ސިއްހީ މަރުކަޒުގެ އެސްކްޓެންޝަންގެ މަސައްކަތް ކުރިއަށް ދާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެ މަސައްކަތް ވެސް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް އެތަނުން ހިދުމަތް ދެވޭ ގޮތް ހަދައި ދިނުމަކީ މި ސަރުކާރުން ކުރާނެ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެެވެ.

ރައިސް އެރަށަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާ ކުރައްވާފައި ވާއިރު އޭގެތެރެއިން ހިއްކާ ބިމުގައި ރައްޔިތުންނަށް ބޭނުންވާ ރޯ ހައުސް އަޅައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ސިއްހީ މަރުކަޒުގެ ވޯޑުގެ ދަތިކަން ހައްލުކޮށް 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މާއެނބޫދޫ އައުޓްޑޯ ދެ ވޮލީކޯޓުގައި ޓާފް އަޅައިދީ ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މާއެނބޫދޫ ސްކޫލްގެ ސެން ކްލާސްރޫމާއި، އޮފީސް އިމާރާތާއި، ލައިބްރަރީގެ މަސައްކަތް ވީއެންމެ އަވަހަށް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާއެންބޫދޫގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ، މި ސަރުކާރު ބަދަލުވެއްޖެއްޔާ މިހާރު ކުރިއަށް ގެންދާ އެތައް މަޝްރޫއުތަކެއް ހުއްޓިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ރައްޔިތުންނަށް އެތައް ފަސޭހައެއް ލިބޭނެ މަޝްރޫއުތަކެއް ކަމުން އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.