ރޯދައަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް މިހާތަނަށް މާލޭގެ 15،000 ގޭބީސީއަށް ފޯރުކޮށްދެވިފައިވާކަމަށް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަރީފް ވިދާޅުވީ މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާއެކު ވަރަށް ފަސޭހަ ގޮތެއްގައި މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ރޯދަމަހުގެ ކުރިން މިއޮތް ދުވަސްތަކުގައި މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަމާލުކަންދީގެން މި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ޝަރީފް ވަނީ މަސްދަޅު ކޭސްތައް ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިޔަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭން ނިންމި މަސްދަޅު ކޭސްތައް ބަހަން ފަށާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައެވެ. އެއާއެކު އެ ސަރަހައްދުތަކުގައި ދިގު ކިއުތަކެއް ހެދުމާއެކު މަސައްކަތް އިތުރަށް ފަސޭހަކުރުމަށްޓަކައި 'ރޯދަ ހަދިޔާ' ނަމުގައި އޮންލައިން ޕޯޓަލް އެއް ހޮނިހިރު ދުވަހު ވަނީ ހަދާފައެވެ.

އެސްޓޯއިން މީގެ ކުރިން މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ނިންމީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އެހެން ނަމަވެސް މިނިންމުން ބަދަލުކޮށްފައިވާ ކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވާ އިރު މި މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީީ ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ ގުޅިގެންނެވެ.

އެ މިނިސްޓްރީ އިން މިހާރު ވަނީ މަސްދަޅު ކޭސްތައް ނަގަން ދޫކުރާ ޓޯކަން ނަންބަރު އިތުރުކުރަންވެސް ނިންމާފައެވެ.