ގާނޫނުތަކަށް ބަދަލު ގެނެސްގެން ނޫނީ، ސަރުކާރުން ހުށަހެޅި ގޮތަށް ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރަން ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރުމުގެ މައްސަލައާ މެދު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރަން ފެނޭތޯ ހުށަހަޅައިފައެވެ. ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުން ފާސްވީ މުސާރަތައް ކުޑަކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާދިނުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި ވޯޓުގައި އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރިނުވެއެވެ.

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ އިސްވެރިންގެ މުސާރަތަކުން 10 ޕަސެންޓު އުނިކޮށްފިނަމަ 14.1 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އެއީ ދައުލަތުގެ މި އަހަރުގެ ބަޖެޓު ކަމަށްވާ 56.6 ބިލިޔަން ރުފިޔާގެ 0.02 ޕަސެންޓެވެ.

ނަމަވެސް މުސްތަގިއްލު މަގާމުތަކާއި މުސްތަގިއްލު މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެ މީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މުއައްސަސާތަކުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާކަން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެއާއެކު ކޮމިޓީން ރިޕޯޓުގައި ދެން ފާހަގަކުރި ބައެއް ނުކުތާތަކަކީ:

  • ގާނޫނު އޮތް ގޮތުން ގިނަ މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން
  • މުސާރަތަކުން 10 ޕަސެންޓު އުނިކުރުމުން ޖުމްލަކޮށް ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވެނީ ކުޑަ މިންވަރެއް
  • އާސަންދަ އާއި ސިއްހީ ނިޒާމުގެ އިސްރާފު މަދުކޮށް ސަރުކާރުގެ އިދާރީ ހަރަދުތައް ހަރުދަނާކޮށް، ބަޖެޓަށް އެސްއޯއީތަކުން ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އެ ތަންތަނުގެ ހިންގުން ހަރުދަނާކުރެވިއްޖެ ނަމަ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ނަތީޖާއެއް ނެރެވޭނެއެގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް ފަދަ އެއްކޮށްލައިގެން ނަތީޖާ ނެރެވޭ މުއައްސަސާތައް ދެނެގަނެ އެ ތަންތަން އެއްކޮށްލުމުން ހިންގުން ހަރުދަނާވެ، ހަރަދުތައް ކުޑަކުރެވިގެން ދާނެ

ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށާއި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމައިފައެވެ. ހަމައެއާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމަވައިފައެވެ.

މީގެ އިތުރުން މުސާރައަށް ގެންނަން ނިންމަވާފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ނިންމަވާފައިވެއެވެ.

މި ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަން ހާމަކުރައްވަމުން ރައީސް އޭރު ވިދާޅުވީ އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް ނުނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.