ސަރުކާރުން ހުށަހެޅި ގޮތަށް ދައުލަތުގެ އިސްވެރިންގެ މުސާރަތަކުން 10 ޕަސެންޓު ކުޑަކުރުމުން ދައުލަތުގެ ބަޖެޓުން ސަލާމަތްވަނީ ކުޑަ މިންވަރެއް ކަމާއި، އާސަންދައިގެ އިސްރާފު މަދުކޮށް، ސަރުކާރުގެ އިދާރީ ހަރަދުތައް ހަރުދަނާކުރެވިއްޖެ ނަމަ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ނަތީޖާއެއް ނެރެވޭނެކަން މާލިއްޔަތު ކޮމިޓީން ފާހަގަކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ ގާނޫނުތަކަށް ބަދަލު ގެނައުމަށް ފަހު ނޫނީ ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރަން ނުފެންނަ ކަމަށެވެ.
ކޮމިޓީން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މުސްތަގިއްލު މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުންގެ މުސާރަތަކަށް މިހާރު ވެސް މަހަކަށް 2.25 މިލިޔަން ރުފިޔާ ދައުލަތުން ހަރަދުކުރެއެވެ. އެކަމަކު އެ ފަރާތްތަކުގެ މުސާރައިން 10 ޕަސެންޓު އުނިކޮށްފިނަމަ އެ ފަރާތްތަކުގެ މުސާރަތަކަށް މަހަކު ހަރަދުވާނީ 2.10 މިލިޔަން ރުފިޔާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޭރުން އަހަރަކު 1.8 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަން ޖެހޭ މުއައްސަސާތަކުގެ މެންބަރުންނާއި ވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމުން އަހަރަކަށް 652،800ރ ސަލާމަތްކުރެވޭނެ ކަމަށާއި، މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އުނިކުރުމުން އަހަރަކަށް 4.77 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، އަދި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމުން އަހަރަކު 6.87 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
ރިޕޯޓުގައިވާ އަދަދުތައް އެއްކޮށްލުމުން 14.1 މިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ. އެއީ ދައުލަތުގެ މި އަހަރުގެ ބަޖެޓު ކަމަށްވާ 56.6 ބިލިޔަން ރުފިޔާގެ 0.02 ޕަސެންޓެވެ.
ނަމަވެސް މުސްތަގިއްލު މަގާމުތަކާއި މުސްތަގިއްލު މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މެންބަރުންނަށް ދެވޭ މުސާރައާއި އިނާޔަތްތައް އެ މީހުންގެ މެންބަރުކަމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މުއައްސަސާތަކުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާކަން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެއާއެކު ކޮމިޓީން ރިޕޯޓުގައި ދެން ފާހަގަކުރި ބައެއް ނުކުތާތަކަކީ:
- ގާނޫނު އޮތް ގޮތުން ގިނަ މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން
- މުސާރަތަކުން 10 ޕަސެންޓު އުނިކުރުމުން ޖުމްލަކޮށް ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވެނީ ކުޑަ މިންވަރެއް
- އާސަންދަ އާއި ސިއްހީ ނިޒާމުގެ އިސްރާފު މަދުކޮށް ސަރުކާރުގެ އިދާރީ ހަރަދުތައް ހަރުދަނާކޮށް، ބަޖެޓަށް އެސްއޯއީތަކުން ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އެ ތަންތަނުގެ ހިންގުން ހަރުދަނާކުރެވިއްޖެ ނަމަ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ނަތީޖާއެއް ނެރެވޭނެ
- އެގޮތުން މީޑިއާ ކައުންސިލާއި ބްރޯޑްކޮމް ފަދަ އެއްކޮށްލައިގެން ނަތީޖާ ނެރެވޭ މުއައްސަސާތައް ދެނެގަނެ އެ ތަންތަން އެއްކޮށްލުމުން ހިންގުން ހަރުދަނާވެ، ހަރަދުތައް ކުޑަކުރެވިގެން ދާނެ
ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށާއި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމައިފައެވެ. ހަމައެއާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން މުސާރައަށް ގެންނަން ނިންމަވާފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ނިންމަވާފައިވެއެވެ.
މި ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަން ހާމަކުރައްވަމުން ރައީސް އޭރު ވިދާޅުވީ އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް ނުނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.