ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގައި އެޕާޓްމަންޓަކުން 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު އަންހެނަކަު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) އެވެ.

ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގައި ހުރި އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު، 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.