މި އަހަރުގެ ރަމަޟާން މަހަށް ގޭބީސީތަކަށް، ސަރުކާރުން ދޭ މަސްދަޅު ކޭސްތައް މިރޭ ބަހަން ފަށައިފިއެވެ.
މި މަސްދަޅު ކޭސްތައް ބެހުމަށް ހަމަޖެހިފައިވަނީ 20 ފެބްރުއަރީ 2025 ން ފެށިގެން 27 ފެބްރުއަރީ 2025 ގެ ނިޔަލަށް ކަމަށްވާއިރު އެ ސަރަހައްދުތަކުގައި ވަނީ ދިގު ކިއުތަކެއް ހަދާފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 5 ޖެހީންސުރެ މީހުން ކިއު އަށް އަރަން ފަށާފައިވާކަމަށެވެ.
މިވަގުތު މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތަކަށް ބަލާއިރު މާލޭގައި މަސްދަޅު ކޭސް ބަހަން ނިންމާފައި ވަނީ މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލްގައެވެ. އަދި ވިލިމާލޭގެ ވެމްކޯ ސައިޓްގައި މަސްދަޅު ކޭސް ބަހަން ނިންމާފައިވެއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް-1 ގެ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް-2 ގެ ހިޔާ ފްލެޓް ޓަވާ 10ގެ ޔޫތު ސެންޓަރުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވެއެވެ.
އެސްޓީއޯ އިން ވަނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ބުނެފައެވެ. އަދި ގޭގެ ކަރަންޓު މީޓަރުގެ ނަމްބަރު ޗެކް ކުރުމަށް ފަހު، މަސްދަޅު ކޭހާ ހަވާލުވާން ދާ މީހާގެ އައިޑީކާޑާއި ގުޅޭނެ ނަމްބަރު ވެސް ރެކޯޑު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިފްކޯގެ އޮފިޝަލު ވިދާޅުވިގޮތުގައި މަސްދަޅު ކޭސްތައް ހުރީ ހުރިހާ މީޓަރު ތަކަށް ވާވަރަށެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
- ފެބްރުއަރީ 20 - 20:30 އިން 23:00 އަށް
- ފެބްރުއަރީ 21 - ބަންދު
- ފެބްރުއަރީ 22 - ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް
- ފެބްރުއަރީ 23 އިން ފެބްރުއަރީ 27އަށް - މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން ރޭގަނޑު 11:00 އަށް
އެސްޓޯއިން މީގެ ކުރިން މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަން ނިންމީ މާލެ ސިޓީ ކައުންސިލާ ގުޅިގެންނެވެ. އެހެން ނަމަވެސް މިނިންމުން ބަދަލުކޮށްފައިވާ ކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވާ އިރު މި މަސައްކަތް މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީީ ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއާ ގުޅިގެންނެވެ.