ނ. މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ރަންވޭ އޭޕްރަން ސީ އާއި ޑީ އަދި ޓެކްސީވޭ ސީ އާއި ޑީ ގެ ތާރު އެޅުމުގެ މަސައްކަތްވެސް މިހާރު އެއްކޮށް ނިންމާލެވިފައިވާކަމަށެވެ.

ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން އޮޕަރޭޓްކުރާ މި އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އޮތް 453 އަކަމީޓަރުގެ ފަޔާ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި، ސަބްބޭސް ތައްޔާރުކޮށް، ވެއަރިން ކޯސްއެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތާއި އެއާފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 29.85 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ނ. އަތޮޅުގައި އޮންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ފުރަތަމަ ހުޅުވާފައި ވަނީ ޑިސެމްބަރު 1، 2019 ގައެވެ. މާފަރު އެއާޕޯޓް ގާއިމްކޮށްފައި ވަނީއަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ފަންޑުކޮށްގެންނެވެ.