މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މިހާރު އިމާރާތް ކުރަމުންދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ފްލެޓް ލިސްޓު އިއުލާން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 9 ވަނަ ދުވަހު ވިދާޅުވެފައިވާ އިރު، ގިނަ ބަޔަކު ތިބީ އެ ލިސްޓް އިއުލާން ކުރާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އަންނަ ހަފްތާގައި ފްލެޓް ލިސްޓް އިއުލާން ކުރާނެ ކަމަށާއި މިހާރު ލިސްޓް ވެރިފައި ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން ރޯދަމަސް ފެށުމުގެ ކުރިން އެ ލިސްޓް އާންމު ކުރާނެ ކަމުގެ ޔަގީން ކަން ހައުސިން މިނިސްޓްރީން ދިނެވެ. ނަމަވެސް ސީދާ ތާރީހެއް ހާމައެއް ނުކުރެއެވެ.

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްގެ ދާއިމީ ލިސްޓް އާންމުކޮށްފައި ވަނީ އެ ދައުރު ނިމުމާ ގާތްވެފައި ވަނިކޮށެވެ. އެ ލިސްޓް އާންމު ކުރި އިރު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރެ އެ މައްސަލައިގައި އޭސީސީން ވަނީ ފްލެޓް ލިސްޓްގައި ހުރި މައްސަލަތައް ބަލައި އެ މަސައްކަތް ވަގުތީ ގޮތުން އޭރު ހުއްޓާލުމަށް އެދިފައެވެ. މަސައްލަ ބަލައި ތަހުގީގު ކުރުމަށް ފަހު ހައުސިން މިނިސްޓްރީއާ ރިޕޯޓް ހަވާލު ކުރުމަށް ފަހު ފްލެޓް ލިސްޓް އާންމު ކުރުމަށް އެތައް ތާރީހުތަކެއް މިދިޔަ އަހަރު ތެރޭ ސަރުކާރުން ވަނީ ދީފައެވެ. ނަމަވެސް ލިސްޓް އިއުލާން ނުކޮށް ވަނީ ދިގުދެމިގެން ގޮސްފައެވެ.

މި ލަސްތަކާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި އެތައް ފަހަރެއްގެ މަތިން ފްލެޓް ލިސްޓް އިއުލާން ކުރުމަށް ގޮވާލައި އާންމުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ. އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ދިއުމުން ރައީސް މުއިއްޒު ވަނީ ފްލެޓް ލިސްޓް އާންމު ކުރުން ލަސްވަމުންދާ ސަބަބު ވެސް ހާމަ ކުރައްވާފައެވެ.

އެ ގޮތުން މާލެ ސަރަހައްދުން 4000 ފްލެޓް ދޫކުރުމަށް އާންމު ކުރި ފްލެޓް ލިސްޓްގައި ހުރި މައްސަލަތަކުގެ ތެރެއިން އުސޫލާ ހިލާފަށް ކޮށްފައިވާ ކަންކަން ހާމަ ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ކުރީގެ ފްލެޓް ކޮމިޓީގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ލިބޭ ގޮތަށް މާކްސް ބަދަލުކޮށްފައި އެބަހުރި ކަމަށެވެ. އުސޫލާ ހިލާފަށް ކުރީ ސަރުކާރުގެ އިސް ވެރިންނަށް ފްލެޓް ލިބޭ ގޮތަށް ލިސްޓްގައި ހިމަނާފައި އެބަހުރި ކަމަށާއި ނުފޫޒު ބޭނުން ކޮށްގެން އެއް އާއިލާއެއްގެ ގިނަ މެންބަރުންނަށް ފްލެޓް ބަހާފައި އެބަ ހުރި ކަމަށް ވެސް ރައީސް ވިދާޅުވެފައު ވެއެވެ.

އެއަށް ފަހު ރައީސް މުއިއްޒު ވަނީ ރޯދައިގެ ކުރިން ފްލެޓް ލިސްޓް އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިފަހަރު ފްލެޓް ލިސްޓް އާންމު ކުރާ އިރު ހުރިހާ ފަރާތްތަކުގެ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި ނޮވެމްބަރު 15، 2023 ގައި ގެޒެޓް ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން މި ވެރިފިކޭޝަން ޕްރޮސެސް ކުރިއަށް ގެންދާ އިރު، ބަލާނީ ޖޫން 26، 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގެދޮރު ދޫކުރާ އުސޫލު އަދި އެޕްލިކޭޝަން ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ (ހިޔާވަހި) ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފަށާނެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަސް ކަމަށް ވާއިރު، ރޯދަ މަސް ފެށުމަށް ދެން ބާކީ އޮތީ 8 ދުވަހެވެ. ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނާ ގޮތުގައި ފްލެޓް ލިސްޓް ކުރިއަށް މިއޮތް 8 ދުވަސް ތެރޭގައި އިއުލާން ކުރާނެއެވެ.