ގާނޫނު އަސާސީގެ ނަޒަރުގައި ގާނޫނު އަސާސީ ބަދަލުކުރާ ނަމަ، ބަދަލު ކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ، ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ދެކެވޭ ވާހަތަކަށް އެމަނިކުފާނުގެ ހިޔާލުފުޅު ހިއްސާކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ލަފާ ކުރައްވާ ގޮތުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ގާނޫނުއަސާސީގެ ނަޒަރުގައި ގާނޫނު އަސާސީ ބަދަލުކުރާ ނަމަ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިން ބޭރުވެފައެވެ. އެ އިސްލާހާ ދެކޮޅަށް ބަޔާން ނެރެ، އަދި ކޯޓުގައި އޮތް މައްސަލައަށް ތަދައްހުލުވުމަށް ފަހު، އެ ޕާޓީން މައްސަލައިން ބޭރުވި އިރު، އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ގާނޫނު އަސާސީ ހެދުމާއި ގާނޫނު އިސްލާހު ކުރުމުގެ ބާރު އޮންނާނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިންއެވެ. އަދި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ތައާރަޒުވާނެ ކަމަށްވެސް އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.
މި މައްސަލައަށް ތަދައްހުލުވި ޑިމޮކްރެޓްސް އިން އެ މައްސަލައިން ބޭރުވެފައިވީ ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި މައްސަލައިގައި ކުރިއަށް ގޮސް ކޯޓުގައި އެމްޑީޕީގެ އަޑު އިއްވާފައެވެ. އެގޮތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމަށް ދެކޮޅު ހަދައި މި މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނު އަސާސީ މުގުރާލުން ނޫން ކަމަށެވެ.