ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ސަރުކާރު މުވައްޒަފުންނަށް ދޭ ރޯދަ މަހުގެ އިނާޔަތާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހާއެކު ރޯދަ އެލަވެންސާ ޗުއްޓީތަކުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި މަސައްކަތްތައް ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބިގެންދާނެއެވެ. ރައީސްއޮފީހުން ބުނީ މި ބިލުގައި ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައްވެސް ހިމެނިފައިވާނެ ކަމަށެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކަށްވާއިރު ރައީސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަކީ ގާނޫނުގައިވާ ޕޮއިންޓެއް ނަގައިގެން ވަރަށް ބޭއިންސާފުން ނިކަމެތި ގޮތެއް ހަދާފައި އޮތް ކޮމިޓީއެއް ކަމަށް ވިދާޅުވެފައެވެ.

އެ ކޮމިޓީއަކީ ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެ ފަދަ މަސައްކަތްތަކެއް ކޮށްދޭ ކޮމިޓީއެއް ކަމަށާއި އެ ކޮމިޓީތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ ވަރަށް ގިނަ ކަންކަން ހައްލު ކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަކީ ފުލް ޓައިމް ވަޒީފާއެއް ނޫނަސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަ ކުރާ ބައެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ބިލު ތަސްދީގު ކުރައްވައި މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެއާއެކު ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރ. ލިބޭނެއެވެ.