ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ މައުލޫމާތު އެއްކުރުމަށް ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައޯމެޓްރިކްސް ޑޭޓާ އަޕްޑޭޓްނުކުރާ ބިދޭސީން ޑީޕޯޓްކުރަން ނިންމައިފިއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގާޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރީލް މަހުގެ 20 ވަނަ ދުވަސްކަން ފާހަގަކޮށް ހޯމް މިނިސްޓްރީއިން ބުނީ އެ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓްކޮށްލެވޭނެ ކަމަށެވެ.
މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހޯމް މިނިސްޓްރީއިން ވަނީ އަންގާފައެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަންނަ މާޗު 15 ގެ ކުރިން އަޕްޑޭޓް ކުރުމަށް ވެސް މިނިސްޓްރީއިން އަންގާފައިވެއެވެ.
މީގެއިތުރުން ރިސޯޓްތަކާއި ސަފާރީތަކާއި ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓާ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ވެސް ހޯމް މިނިސްޓްރީއިން ވަނީ އަންގާފައެވެ.
ހޯމް މިނިސްޓްރީއިން ބުނީ ދީފައިވާ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ. ހޯމް މިނިސްޓްރީން ބުނެފައި ވަނީ މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.