މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މެނޭޖުމަންޓު ޕާފޯމަންސް ރިވިއުކޮށް، ތިން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މިފްކޯއިން ބުނީ، ވަޒީފާއިން ވަކިކޮށްފައި ވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ ތިން ޖެނެރަލް މެނޭޖަރުން ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމަށް ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މެނޭޖުމެންޓު ޓިމްގެ ޕާފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަސް ވެސް މިފްކޯއިން ބުނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެ ގޮތުން މިފްކޯއަށް ރާއްޖެއިން ބޭރުގެ ސީއީއޯ އެއް އައްޔަން ކޮށްފައި ވަނީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.