ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭ ސަަހައްދުގައި މުދާ އުފުލޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލު އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯދަމަހަށް ހާއްސަކޮށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވަނީ ހިއްސާކޮށްފައެވެ. އެ ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލޭނެ ވަގުތުތަނާއި މުދާ އުފުލުން މަނާ ވަގުތުތައް ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލް މަހުގެ އެއް ވަނަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ވައްތަރެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން ހަވީރު 4:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މި ދުވަސްތަކުގައި މުދާ އުފުލުމަށް ބޭނުން ކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތަކަކީ ހެނދުނު 6:00 އިން 9:30 އާ ދެމެދު އަދި ހަވިރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ވައްތަރެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. މި ދުވަސްތަކުގައި މުދާ އުފުލުމަށް ބޭނުން ކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތަކަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ގަޑިތައް ކަނޑައަޅާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފުލުހުންގެ ހިދުމަތާއި އަދި ވިޔަފާރިތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.