ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބު ވި ޕާޓީން އަމިއްލައަށް ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ގުޅޭ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާއިރު، އެއަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސްއޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވެފައިވަނީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުހީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ހަބަރަކާއި ގުޅިގެންނެވެ. ހީނާ ވިދާޅުވީ މި ހަބަރަކީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި، ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.

އެ ނޫހުގައި ވަނީ މި ކުއްލި ބައްދަލުވުމަށް ވަގުތު ދިނުމުގެ ގޮތުން މިއަދު މެންދުރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު ބާއްވަން ތާވަލުކޮށްފައި އޮތް ފަރިއްކޮޅު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެންސަލް ކުރެއްވި ކަމަށް ބުނެފައެވެ. ނަމަވެސް މި ވާހަކަތައް ދޮގުކޮށް ހީނާ ވަނީ މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލައިގެ އަޑުއެހުންތައް އިއްޔެ ފަށާފައިވާއިރު، ދިފާއުގައި ދައުލަތުން ހުށަހެޅީ އެ މައްސަލަ އަކީ ސްޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ މި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް މިއަދު ނިންމާފައެވެ. މިއަދު މައްސަލަ ބެލޭނެ ކަމަށް ބެންޗުން ނިންމުމާއެކު ދައުލަތުން ވަނީ ޖަވާބުދާރީ ވުމަށް 10 ދުވަހުގެ މުހުލަތަކަށް އެދިފައެވެ. މިއަދުގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ އުއްތަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. ދެން ބެންޗުގައި ތިއްބެވީ، ޑރ. އަޒްމިރާލްދާ ޒާހިރާއި، އާއިޝާ ޝުޖޫން މުހައްމަދާއި، މަހާޒު އަލީ ޒާހިރާއި، ހުސްނުއްސުއްސުއޫދާއި، އަލީ ރަޝީދު ހުސައިންގެ އިތުރުން، ޑރ. މުހައްމަދު އިބްރާހީމެވެ.

ދައުލަތުން ބުނެފައި ވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަނީ މަޖިލީހުން ކަމަށާއި އެ އިސްލާހަކީ ގާނޫނު އަސާސީގެ 12 ވަނަ މާއްދާގައި އޮންނަ އިހުތިސާސްގެ ދަށުން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ވިދާޅުވަނީ، އެ އިސްލާހު ގެނެސްފައި ވަނީ އެންމެ 9 ގަޑިއިރުން ކަމަށާއި އަދި އިސްލާހު ގެނައި އިޖުރާއަތުތައްވެސް ގޯސް ކަމަށެވެ.

ގާނޫނު އަސާސީއަށް ގެނައި މި އިސްލާހާ ގުޅިގެން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތުތައް އެ މެންބަރަކު ނިސްބަތްވާ ޕާޓީގެ އެތެރޭގެ ސިޔާސަތުތަކާ ގުޅި، ޕާޓީގެ ލީޑާޝިޕުން ނާޖާއިޒް ބާރުތަކެއް ބޭނުން ކޮށްފާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަނެއް ބަޔަކު ބުނާގޮތުގައި، ފްލޯ ކްރޮސް ކުރުން ނުވަތަ ސިޔާސީ އަދި މާލީ މަންފާއަކަށްޓަކައި މަޖިލީސް މެންބަރުން، އެ މެންބަރަކު އިންތިހާބުވި ހައިސިއްޔަތު ނުވަތަ ޕާޓީގެ މަސްލަހަތާ ފުށޫއަރާ ނިންމުންތަކެއް ނިންމުން ނިމުމަކަށް ގެންނަ އިސްލާހަކީ މި އިސްލާހެވެ. އެހެން ކަމުން މި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށް ގަބޫލު ކުރާ މީހުން ގިނަކަން ފާހަގަ ކުރެވެއެވެ.