ގާނޫނުތަކަށް ބަދަލު ގެނެސްގެން ނޫނީ، ސަރުކާރުން ހުށަހެޅި ގޮތަށް ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރަން ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ރައީސް ވަނީ ކުރިޔަށް އޮތް ދެ އަހަރު ދުވަހަށް އެމަނިކުފާނުގެ މުސާރަ ދެބައިކުރުމަށާއި ސިޔާސީ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރަން ނިންމެވިކަން ހާމަކުރައްވައިފައެވެ. އަދި އެ ނިންމެވުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހުގެ މި ހިނގާ ދައުރުގައި ހުށަހަޅައިފައެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފަހު ނޫނީ ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަނުކުރުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

އަދި މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ އިތުރުން، އެއްކޮށްލައިގެން ނަތީޖާ ނެރެވި ހަރަދު ކުޑަކުރެވޭނެ ކަމަށް ފެންނަ މުއައްސަސާތައް އެއްކޮށްލުމަށްޓަކައި ގާނޫނަށް ބަދަލު ގެނެސް ހަލުވި ދުވެއްޔެއްގައި މި މަސައްކަތް ތަންފީޒުކުރެވިއްޖެ ނަމަ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނަތީޖާ ނެރެވޭނެ ކަމަށް ރައީސަށް ލަފާ އެރުވުމަށް ވެސް މަމްދޫހު ހުށަހެޅުއްވިއެވެ.

މަމްދޫހު ހުށަހެޅި ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ އިގްތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށާއި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމަށް ނިންމައިފައެވެ. ހަމައެއާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ވެސް ވަނީ ނިންމަވައިފައެވެ.

މީގެ އިތުރުން މުސާރައަށް ގެންނަން ނިންމަވާފައިވާ އިތުރު ބަދަލުތަކުގެ ތެރޭގައި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ނިންމަވާފައިވެއެވެ.

މި ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަން ހާމަކުރައްވަމުން ރައީސް އޭރު ވިދާޅުވީ އެމަނިކުފާނުގެ މުސާރައިގެ 50 ޕަސެންޓް ނުނަގާ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ.