ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އިނާޔަތުގެ ބަދަލުގައި މުސާރަ ލިބޭ ގޮތަށް ހަމަޖެއްސުމަށާއި، ރޯދަ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ.

ހަފްތާއެއްހާ ދުވަހުގެ ތެރޭ ކޮމިޓީ މަރުހަލާ ނިންމައި މިއަދު މި އިސްލާހު ފާސްކުރަން ވަނީ ތަޅުމަށް ހުށަހަޅައިފައެވެ. ކޮމިޓީން ނިންމީ އިސްލާހަށް އުނި އިތުރެއް ނުގެނެސް ފާސްކުރުމަށެވެ.

މި އިސްލާހު ފާސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 72 މެންބަރުން ވެސް ވޯޓު ދެއްވީ އިސްލާހު ފާސްކުރަން ފެންނަ ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް އެލްޖީއޭގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަން ވާނެއެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ކައުންސިލްތަކާ ހަވާލުކުރާތާ 30 ދުވަހުގެތެރޭ އެ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ހަވާލުކުރަން ވާނެ ކަމުގައި ވެސް ގާނޫނުގައި ވެއެވެ.

ސަރުކާރުން ހުށަހެޅީ އަންހެނުންގެ ކޮމިޓީތަކަށް އެލްޖީއޭގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅައި، އެ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ.

މީގެ އިތުރުން ރަށްރަށާއި ސިޓީތަކުގެ އެކި ކަންކަމުގައްޔާއި ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކުރުމާ ބެހޭ ގޮތުންނާއި، އެކި ދާއިރާތަކުގައި ކުރިޔަށް ދެވޭނެ ގޮތްތަކާ މެދު ކައުންސިލްތަކަށް ލަފާދޭ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމިޓީތައް ހެދުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

އަދި އަންހެނުންގެ ކޮމިޓީތަކުގެ ހިންގާ ގަވައިދު އެ ކޮމިޓީތައް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްތަކުގެ ލަފާގެ މަތިން ހަދަން ޖެހޭ ގޮތަށް އޮންނަ އޮތުން، އަންހެނުންގެ ކޮމިޓީތަކުގެ ހިންގާ ގަވައިދު ސީދާ އެ ކޮމިޓީތަކުން އެލްޖީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަދަން ޖެހޭ ގޮތަށް ވެސް ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު އދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވާނެ ކަމުގެ ވައުދުވެ ވަޑައިގެންފައެވެ.