ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތައުލީމަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ރައްޔިތުންގެ މަޖިލީސް ގުޅިގެން ފަށާފައިވާ މި ފްރޮގްރާމަކީ އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ ކޯހެކެވެ. މި ކޯހަކީ 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

މި ކޯހުގެ ބައިވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވާސިޓީގެ އިސްވެރިން އަދި ކޯހުގައި ކިޔަވަދޭ ލެކްޗަރަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިފަދަ ކޯހެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިންގައިދިނުމަށް އެދިވަޑައިގެންނެވި މައިގަނޑު ބޭނުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތައުލީމު ހާސިލުކޮށްފައިވާ އިލްމީގޮތުން ގާބިލު މެންބަރުންތަކެއް ތިބި ތަނަކަށް ހެދުން ކަމަށެވެ. އަދި އިލްމީ މަސައްކަތްތަކެއް ކުރާ ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެދުންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިކަމަކީ 20 ވަނަ މަޖިލީސް އިންތިހާބުވުމާއެކު ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ބޮޑަށް އެދިވަޑައިގެންނެވި ކަމެއްކަމުގައި މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޯހުގެ ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅުއްވާފައިވާ ކޮލިޓީ އެޝުއަރެންސް މިންގަނޑުތަކާ އެއްގޮތަށް ކަމަށް އައިޔޫއެމް އިން ބުނެފައިވާއިރު ކޯހުގައި ކިޔެވުމަށް އެންރޯލް ކުރެއްވި މަޖިލީހުގެ މެންބަރުންނަށް ކޯހާ ބެހޭ ގޮތުން އަދި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން މައުލޫމާތުވަނީ ފޯރުކޮށްދީފައެވެ.