ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަތުމަށް އެއް ގަޑިއިރު ދީ މެންބަރުން އިހުސާނާ ސުވާލުކުރަން އެއް ގަޑިއިރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.
ވަޒީރަކު ކުރައްވައިގެން ނުވާނެ ކަންތައްތަކެއް ކުރައްވައި އިހުސާން ގާނޫނާ ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ. އެހެންވެ އެ މައްސަލައިގެ ބަހުސް ކުރިޔަށް ގެންދާނެ ގޮތް ނިންމުމަށް އާންމު ކޮމިޓީން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އިހުސާނަށް ގަޑިއިރެއް ދީ ސުވާލުކުރުމަށް ވެސް ޕާޓީތަކަށް ގަޑިއިރެއް ދިނުމަށެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހްމާނެވެ.
އަބްދުއްސައްތާރު ވިދާޅުވީ، އިހުސާންގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ބައިވަރު ކަންކަން ފާހަގަކޮށްފައި އެބަހުރި ކަމަށާއި، އެހެންކަމުން އިހުސާން ޖަވާބުދާރީވެވަޑައިގަތުމަށް އެކަށީގެންވާ ވަގުތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް މި ބަދަލު ގެނައުމުން މެންބަރުންނަށް ސުވާލުކުރަން ލިބޭ ވަގުތު ކުޑަވެ، މައްސަލަ ހުށަހެޅި އެމްޑީޕީގެ މެންބަރުން ސުވާލުކުރަން ލިބޭ ވަގުތު ކުޑަވާނެ ކަމަށް، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވިއެވެ.
"އޭގަ އަޅުގަނޑު ދެކޭގޮތުގަ ހަމަ ވަޒީރަށް މީގެ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ، އެއީ ވަޒީރާ ބެހޭގޮތުން ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މި އައީ،" އަމީން ވިދާޅުވި ވާހަކައާ ގުޅިގެން ހުޅުދޫ ދާއިރާގެ މެންބަރު އަދި އާންމު ކޮމިޓީގެ މުގައްރިރު މުހައްމަދު ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ފާހަގަކުރެއްވި ގޮތުގައި މެންބަރުން ވަޒީރާ ސުވާލުކުރުމަށް ދޭ ދޮޅު ގަޑިއިރާއި ވަޒީރު ޖަވާބުދާރީވާން ދޭ ބައިގަޑިއިރުގެ ބަދަލުގައި މެންބަރުންނަށާއި ވަޒީރުންނަށް ކަނޑައެޅިފައިވާ ވަގުތު ބަދަލުކުރުމަށް ކޮމިޓީން ނިންމިދާނެއެވެ.
ކޮމިޓީން ނިންމީ އިހުސާން ޖަވާބުދާރީވުމަށް ދޭ ވަގުތު ބައިގަޑިއިރުން އެއް ގަޑިއިރަށް އިތުރުކޮށް މެންބަރުން ސުވާލުކުރަން ގަޑިއިރެއް ދިނުމަށެވެ.
އިހުސާންގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ:
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވައި، ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތުގައި
- ފުލުހުން ކުރާ ތަހްގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމުގެ ތުހުމަތުގައި
- ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައިގައި