ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގު އިބްރާހީމް އެއްކޮށްލި މިނިސްޓްރީ އަށް އައްޔަންކުރަން މަޖިލީހުން ރުހުންދީފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މަގާމުން ވަކިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައްވައި، އެއްކޮށްލި ވުޒާރާ ހިންގެވުމަށް މި މަހުގެ ފުރަތަމަ ދުވަހު ތޯރިގު އައްޔަންކުރައްވައިފައެވެ.

މި ބަދަލަށް ރުހުންދިނުމަށް މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ އިއްތިފާގުން ތޯރިގަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްވެފައެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވި ސަބަބެއް މިހާތަނަށް ސަރުކާރުން އަދި ހާމަނުކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލުމުން މި ސަރުކާރުގެ ވުޒާރާތަކުގެ އަދަދު ވަނީ 20 އަށް މަދުވެފައެވެ. މި ދެ މިނިސްޓްރީ އެއްކޮށްލުމުގެ ކުރިން ރައީސް ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައްވައި، ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޕްލޭނިން ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފައެވެ.