އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށްތަކައި އެ ސިޓީ އަށް 1.8 މެގަވޮޓުގެ އާ ޖެނަރޭޓަރެއް ފޮނުވައި ހަލާކުވެފައިވާ ޖެނެރޭޓަރުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.

ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ފެނަކައިން ބުނީ، އައްޑޫގެ އަވަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރަމުންދާ ޖެނަރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ސެޓަކަށް މައްސަލަ ދިމާވެ އިތުރު އެއް ސެޓު މަރާމާތުނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެހެންވެ، އައްޑޫގެ އަވަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތައް ދިމާވުމުގެ ސަބަބުން އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހިފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ. އެގޮތުން ފެނަކައިން ބުނި ގޮތުގައި:

  • ސްޓެލްކޯ އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވޮޓުގެ އާ ޖެނެރޭޓަރެއް ހޯދައި އައްޑުއަށް ފޮނުވުމަށް ލޭންޑިން ކްރާފްޓަށް ވަނީ އަރުވާފައި
  • ހަލާކުވި އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ވަނީ ހިންގިފައި
  • ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް މި ހަފްތާގެ ނިޔަލަށް ނިންމޭނެ
  • ބޭރުން ސްޕެއާ ގެނެސް ތިންވަނަ ޖެނެރޭޓަރު މަރާމާތުކޮށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެތެރޭ ހިންގަން ފެށޭނެ

ފެނަކައިން ބުނީ، ރަމަޟާން މަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެއް ކަމަށް ވާތީ އާއި އައްޑޫގައި ދުވަހުން ދުވަހަށް ކަރަންޓަށް އޮންނަ ޑިމާންޑު އިތުރުވަމުން ދާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކުންފުނިން މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ.

"އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާކަމަށް ވެފައި، ހެޔޮ ނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ،" ފެނަކައިގެ ބަޔާނުގައި ވެއެވެ.

އަމާޒަކީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފަށައި ދޮޅު އަހަރު ދުވަހުގެ ތެރޭ މަސައްކަތްތައް ނިންމާލުން ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން އައްޑުއިން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އެކަމުގައި އާންމުންގެ ޝަކުވާތައް ބޮޑެވެ. މިހާރު ވެސް އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ދަނީ ކަނޑަމުންނެވެ.

އައްޑުއިން ކަރަންޓު ކެނޑޭ މައްސަލައިގައި ފެނަކައިން ރޭ ބަޔާނެއް ނެރެފައި ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދިރާސާކުރަން ތާވަލުކޮށްފައި ވަނިކޮށެވެ.