އަންނަ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަ ދުވަހު އުމްރާއަށް ދާ އުމްރާވެރިންގެ ޑެބިޓް ކާޑުތަކުގެ ލިމިޓު 1،500 ޑޮލަރަށް އިތުރުކުރަން ބީއެމްއެލުން ނިންމައިފިއެވެ.
މި ފެށޭ ރަމަޟާން މަހު އުމްރާއަށް ދާ އުމްރާވެރިންގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލާއި މަރުކަޒީ ބޭންކު އެމްއެމްއޭގައި ދެންނެވީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.
މިއަދު ނެރުނު ބަޔާނެއްގައި ބީއެމްއެލުން ބުނީ، ކާޑަށް ދޫކުރާ މި ލިމިޓު ބޭނުންކުރެވޭނީ ސައޫދީ އަރަބިއްޔާގައި އެކަނި ކަމަށާއި، މި ލިމިޓު ދޫކުރަނީ ކޮންމެ ކަސްޓަމަރަކަށް ވެސް އެއް ޑެބިޓު ކާޑަށް ކަމަށެވެ.
އުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ އުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން އުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލު އެ ގްރޫޕްތަކާ ހިއްސާކޮށްފައިވާނެ ކަމަށް ބޭންކުން ބުންޏެވެ. އެހެންކަމުން އުމްރާ ގްރޫޕްތައް މެދުވެރިކޮށް އުމްރާއަށް ދާ ފަރާތްތަކުން އެ ފަރާތްތައް ނިސްބަތްވާ ގްރޫޕްތަކުގެ ފަރާތުން މައުލޫމާތު ހޯދުމަށް ބީއެމްއެލުން އެދެއެވެ.
ވަކިން އުމްރާއަށް ދާ އުމްރާވެރިން އުމްރާއަށް ފުރުމުގެ ފަސް ދުވަސް ކުރިން (ރަސްމީ ދުވަސްތަކުގައި) ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޕާސްޕޯޓު ކޮޕީއާއި ޓިކެޓު ކޮޕީ ފޮނުވުމުން ކާޑު ލިމިޓް ހަމަޖައްސައިދޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.
ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1،500 ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށާއި، ހުރިހާ އުމްރާވެރިންނަށް ވެސް މިހާރެކޭ އެއްގޮތަށް 500 ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދެއެވެ.