ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރުމުގެ މަޝްރޫގެ 88 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީ އިން ބުނީ ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރުމުގެ މަޝްރޫގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.
މީގެއިތުރުން އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 އިންސައްތަ މަސައްކަތާއި، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތްވެސް ނިމިފައިވާކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫގެ ސަބަބުން ފަޅުތެރޭ އޮންނަ ރާޅުގަނޑު ރަށުތެރެއަށް އެރުމުގެ މައްސަލަ ހައްލު ވާނޭ ކަމަށާއ،ި މިކަމަކީ ރަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ވާނޭ ކަމެއްކަމަށެވެ.
މީގެ އިތުރުން ތިނަދޫގައި އޮންނަ އިންޑަސްޓްރިއަލް ޒޯނަކީ ވަރަށްގިނަ އިގްތިސޯދީ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ތަނެއް ކަމުން، އިންޑަސްޓްރިއަލް ޒޯން ތަރައްގީކުރުމުން ފެކްޓަރީތައް ގާއިމުކުރެވޭނެ ކަމަށާއި ތިނަދޫ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާ ކުރާނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ 53.41 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.