އިލެކްޝަންސް ކޮމިޝަނަށްގެ ރައީސާއި އެ ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބުންނަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މިއީ އިލެކްޝަންސް ކޮމިޝަންގެ ރައީސާއި އެ ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބުން އައްޔަންކުރާ ގޮތަށް ބަދަލު ގެނައުމަށް ފަހު ދެ ކޮމިޝަންގެ ވެރިން އައްޔަންކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ކޮމިޝަންގެ ރައީސުންނާއި ނައިބުން އައްޔަންކުރަނީ ދެ ކޮމިޝަންގެ ވެސް މެންބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.
އީސީގެ ރައީސާއި އެ ކޮމިޝަނާއި އޭސީސީގެ ނައިބުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވި ނަންތައް:
- މުހައްމަދު ޒާހިދު - އީސީގެ ރައީސް
- އަބްދުއްރަހްމާން ސަލާހު ރަޝީދު - އީސީގެ ނައިބު
- އަބްދުﷲ ނާޝިދު - އޭސީސީގެ ނައިބު
ތިން މެންބަރުން މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމީ އެ މެންބަރުންނާ އިންޓަވިއުކުރުމެއް ނެތިއެވެ.
މަގާމުތަކަށް ތިން މެންބަރުން އައްޔަންކުރަން ފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތް:
- މުހައްމަދު ޒާހިދު - އީސީގެ ރައީސް (68 މެންބަރުން ވޯޓު ދެއްވީ ފެންނަ ކަމަށް، ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތް)
- އަބްދުއްރަހްމާން ސަލާހު ރަޝީދު - އީސީގެ ނައިބު (69 މެންބަރުން ވޯޓު ދެއްވީ ފެންނަ ކަމަށް، ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތް)
- އަބްދުﷲ ނާޝިދު - އޭސީސީގެ ނައިބު (69 މެންބަރުން ވޯޓު ދެއްވީ ފެންނަ ކަމަށް، ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތް)
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެ ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ. އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތު މަގާމުން ވަކިކުރުމަށް ހަމަ އެ މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން އެ ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު އާސިފް ވެސް ނަޝާތާ އެކު ވަކިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރިއެވެ.
އަދި އާސިފާއި ނަޝާތު އިލެކްޝަންސް ކޮމިޝަނުން ވަކިކުރި ދުވަހު އޭސީސީގެ އޭރުގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މުހައްމަދު ވަކިކުރަން ތާވަލުކޮށްފައި ވަނިކޮށް ދެ ބޭފުޅުން ވެސް އިސްތިއުފާ ދެއްވީއެވެ.