މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ޒައިދާން މުހައްމަދު ހާޝިމް ހޯދަން ފުލުުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އުމުރުން ޒައިދާން ( ގ. ސިނަމާލެ 1، 05-13 / މާލެ، 28އ) ހޯދަމުންދަނީ އޭނާގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅިފައިވާ ހުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30އަށް ޒައިދާން ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަން ފުލުުހުން ވަނީ ފާހަގަކޮށްފައެވެ. ޒައިދާން އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޒައިދާންއަކީ މަކަރާއި ހީލަތުން (އޮޅުވާލައިގެން) މީހުންގެ އަތުން ފައިސާ ހޯދުމުގެ ކުށުގެ ރެކޯޑް އޮތް މީހެއްކަން ފާހަގަކުރެވެއެވެ.
އެގޮތުން ޑޮލަރު ވިއްކާ ކަމަށް ބުނެ، ފޭކު ސްލިޕެއް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މިދިޔަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ. މަކަރާއި ހީލަތް ހަދައިގެން އޭނާ އެފަހަރު 28،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވެއެވެ.