ބޭނުންނުކޮށް ގިނަ ދުވަސްތަކެއްވަންދެން މާލޭ މަގުމަތީގައި ބަހައްޓާފައި ހުރި 235 ވެހިކަލް ޓޯކޮށްފިއެވެ.
މާލޭގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އެގޮތުން އިއްޔެ ކުރި މަސައްކަތުގެ ދަށުން ޖުމްލަ 235 އުޅަނދެއް ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 201 ސައިކަލު، ހަތަރު ފުރޮޅުލީ 31 އުޅަނދު އަދި 3 ބައިސްކަލު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއް ދުވަހުން އަނެއް ދުވަހަށް އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުމަތި ތޮއްޖެހިފައިވުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވުމާއެކު ގޮންޖެހުންތަކުން އަރައިގަނެ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ރައްޔިތުންނަށް ކަށާވަރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.