އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) އަކަށް ސިނާން އަލީ ހަމަޖައްސައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން ސިނާން އެ މަގާމަށް އައްޔަން ކުރިތާ ހަފުތާއެއް ވަނީ ވެފައެވެ.

2014 އިން 2016 އާ ހަމައަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިނާން ވަނީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި 2016 އިން 2018 އަށް އައިލެންޑް އޭވިއޭޝަންގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވާފައިވާ ސިނާން ވަނީ އެމްޓީސީސީގެ ބޯޑުގައި 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް މަސައްކަތް ކުރައްވާފައެވެ.

ސިނާން ވަނީ އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައެވެ. ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައިވާ ސިނާން ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލް ކުރައްވާފައެވެ.