ރާއްޖޭގެ ވައި ތަޣައްޔަރު ވަނީ އެހެން ގައުމުތަކުގެ ސަބަބުންކަމަށާއި މިކަމުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކޮށްފާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ޓޫރިޒަމް ޕީކު ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވެ ތަޣައްޔަރު ވާކަމަށާއި މިކަމުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެދާނެ ކަމަށެވެ.

މި މައްސަލަ އަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ވައި ނުސާފުވެ ތަޣައްޔަރުވުން ދިގުލައިގެން ދާނަމަ އޭގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ކުރަނެ ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވަނީ ރާއްޖޭގެ އިރުމަތިން ބޭރުން އަންނަ ދުމުގެ ސަބަބުންކަން ފާހަގަކޮށް މެޓުން ބުނީ ވައި ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަަމަށެވެ. އެގޮތުން ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް މިހާރު މާލެ ސަރަހައްދުގައި ލޮލަށް ފެންނަ ދުރުމިން 4 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިނުސާފުވާއިރު، އެޗްޕީއޭއިން ވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.