މާލޭގެ ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި މިއަދު ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރަސްފަންނާއި ސަލްޓަން ޕާކު ދަނީ ވީރާނާ ވަމުންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ދެ ތަނަކީ ވެސް ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާ ލިބޭ ދެ ތަން ކަމަށެވެ.
އެހެންކަމުން އެ ދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، އަދި ކުރިއަށް ވުރެ ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން" ރައީސް ކުރެއްވި ޕޯސްޓުގައި ވެއެވެ.
ރަސްފަންނާއި ސަލްޓަންޕާކަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ހަދާފައިވާ ތަންތަނެވެ. ނަމަވެސް މިތަންތަނުގެ އާބާތުރަ ނުފިލުވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން ސަލްޓަން ޕާކުގައި ހިމެނޭ ފެން އަރުވާ ވަޑާމާއި އެތަނުގައިވާ ސިޑިތައް ވެސް ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އެ ސަރަހައްދުތަކަށް އާންމުންނަށް ނުވަދެވޭ ގޮތަށް ވަނީ ޓޭޕުވެސް ދަމާފައެވެ.
ހަމަ އެފަދައިން ރަސްފަންނުގައި އިޝީނދެ އުޅުމަށް ހަދާފައިވާ އަށިތައް ވެސް ވަނީ ހަލާކުވެފައެވެ. މި ދެ ތަނަކީވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ހަވީރު ފިންޏައް ދާ ދެ ތަން ކަން ފާހަގަކޮށްލެވެއެވެ.